ވައިބަރ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
މިގޮތުން ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި ވައިބަރ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަޤީންކުރުމަށާއި، މެސެޖެއް ލިބޭ އިރަށް ފައިސާ ނުފޮނުވުމަށާއި، އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ މީސްމީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށްވެސް އެދިފައެވެ.
މާރިޗު 17 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމްގެ މައްސަލަތަކާ ގުޅޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި، އެހެނިހެން އިދާރާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި-ސްކޭމް ސެންޓަރުން ކަމުގައި ވަނީ ނިންމައިފައެވެ.
ފުލުހުން ބުނީ މި އައު ނިޒާމުގެ ދަށުން ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރުމަށް ޚާއްޞަ ކޯލް ސެންޓަރެއް ޤާޢިމްކުރެވިފައިވާ ކަމަށެވެ. އަދި މި ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓުކުރެވޭ ހިނދުން ފެށިގެން، މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެ އިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ވަގުތުން ކުރިއަށްގެންދާނީ އެންޓި-ސްކޭމް ސެންޓަރުން ކަމަށެވެ.
އެހެންކަމުން އިއްޔެއިން ފެށިގެން ނޭޝަނަލް އިމަޖެންސީ ނަންބަރު 911 އާއި، އެންޓި-ސްކޭމް ހޮޓްލައިން 125 އަދި އެންޓި-ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކޮންމެ ކަންކޮޅަކުންްވެސް ސްކޭމާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށާއި، މިހާރެކޭ އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި، އެފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކޮށްގެން ކުރިއަށްގެންދިއުމަށްވެސް އެދިފައެވެ.
ރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މަޤުޞަދުގައި، ފުލުހުންގެ 2024-2028 ސްޓްރެޓީޖިކް ޕްލޭންގެ ދަށުން "އެންޓި-ސްކޭމް ސެންޓަރު" ގެ ނަމުގައި ޚާއްޞަ މަރުކަޒެއް ޤާއިމުކުރެވިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
މި ލިޔުން ކިޔާލުމުން