ރާއްޖެ ޓީވީގެ "ކާލާބައިސާ" ޕްރޮގްރާމުގައި އޯޓިޒަމް ކުދިންނާ ގުޅޭގޮތުން ދެއްކި ވާހަކަތަކަށް އެ ޓީވީ ސްޓޭޝަނުން މާފަށް އެދިއްޖެ އެވެ.
ހުސައިން ރަމީޒު ހުށަހަޅައިދިން މި ޕްރޮގްރާމުގައި މެހެމާނުންގެ ގޮތުގައި ބައިވެރިވި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް ނިސްބަތްކޮށް އޯޓިސްޓިކް އަދި ޑައުން ސިންޑްރޯމްގެ ކުދިންނަށް ރައްދުވާ ގޮތަށް ވާހަކަދައްކާފައެވެ.
ރާއްޖެ ޓީވީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، "މީނާއަކީ މިއީ އަސްލު އޯޓިސްޓިކް ގޮތެއް ހުންނަހެން ހީވަނީ، މި އޮޕަރޭޓްކުރާ އޯޓިސްޓިކް އެކަންޏެއް ނޫން. ޑައުންސިންޑްރޮމް ވެސް ހުންނަހެން ހީވަނީ،" މިފަދައިން ޕްރޮގްރާމުގައި ބައިވެރިން ވާހަކަދައްކާފައިވާނެ ކަމަށާއި އަދި އެވާހަކައިގެ ސަބަބުން އޯޓިޒަމް ކުދިންނަށް ނިކަމެތިކަމެއް އަންނަ ކަމަށް އެއްވެސް ބަޔަކަށް ގަބޫލުކުރެވޭނަމަ މާފަށް އެދޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ކޮންޓެންޓްތަކާ މެދު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި މި މައްސަލަ ބަލަމުންދާ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ކާލާބައިސާ ޕްރޮގްރާމުގައި ދެއްކި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް، އޯޓިސްޓިކް އަދި ޑައުން ސިންޑްރޯމްގެ ކުދިންގެ ހައްގުތަކަށް އަރައިގަތުމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން