Saturday, October 31
މާރިޗު 30 ވަނަ ދުވަސް ފިތުރުއީދަށް ވާނެ ކަމަށް ވަރަށް ޔަގީން ކުރެވޭ: މައުމޫނު

މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މާރިޗު 30 ވާ އާދީއްތަ ދުވަސް ކަމަށް ވަރަށް ބޮޑަށް ޔަޤީންކުރެވޭ ކަމަށް ފަލަކީ ޢިލްމުވެރިޔާ އަދި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ވަނީ "އީދު ހަނދު" މި ސުރުޚީގައި "ވޮއިސް" އަށް ލިޔުއްވި ޚާއްސަ އާޓިކަލެއްގައި ފާހަގަކުރައްވާފައެވެ.

އެމަނިކުފާނުގެ ލިޔުއްވުމުގައި ވިދާޅުވެފައިވާ ގޮތުގައި، ސަޢޫދީ ޢަރަބިއްޔާ، މިޞްރު، ތުރުކީ އަދި މޮރޮކޯ ފަދަ އިސްލާމީ ޤައުމުތަކަށް މާރިޗު 29 ވަނަ ދުވަހު އިރުއޮއްސުމަށްފަހު، ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ ވަގުތެއް ހުންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ. މިކަމަށް ބިނާކޮށް، ޖެހިގެން އަންނަ މާރިޗު 30 އަކީ ޢީދު ދުވަސް ކަމުގައި ވުމަށް ބޮޑަށް ގާތްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

"އެހެންކަމުން، ވިދިގެން އަންނަ ދުވަހަކީ ދިވެހިރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތްނަމަވެސް، ވަރަށް ގިނަ އިސްލާމީ ޤައުމުތަކަށް އެދުވަހަކީ ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވާނެތީ، މާރިޗު މަހުގެ 30 ވަނަ ދުވަހަކީ، ރާއްޖެއަށް ވެސް ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމުގައި ވާނެކަމަށް ފެނެއެވެ،" މައުމޫން

މާރިޗު 29 އަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށާއި، އެދުވަހު ދިވެހިރާއްޖެއަށް އިރު އޮއްސޭނީ 18:14 ގައި ކަމަށް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އަދި ހަނދުވެސް އޮއްސޭނީ ހަމަ އެވަގުތު ކަމަށް ވިދާޅުވެފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ ރައީސް މައުމޫނަކީ ފަލަކީ ޢިލްމަށް ޚާއްސަ ޝައުޤުވެރިކަމެއް ބަހައްޓަވާ، އެދާއިރާގެ ފުންނާބު އުސް ޢިލްމުވެރިއެއް ކަމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު