ޓީވީ ޕްރޮގްރާމެއްގައި ސިޔާސީ ކަންކަމަށް ފާޑުކިޔަމުން އޯޓިސްޓިކް ކުދިންނާ ގުޅުވައި އެ ކުދިންނަށް ފުރައްސާރަވާ ގޮތަށް ޖޯކު ޖެހި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަނުން ދީފި އެވެ.
އޯޓިސްޓިކް ކުދިންނަށް މަލާމާތް ރައްދުވާ ގޮތަށް ވާހަކަ ދެއްކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ވާހަކަތަކަށް ހާއްސަކޮށް "ރާއްޖެ ޓީވީން" ރޭ ގެނެސްދިން "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމެއްގަ އެވެ.
ބްރޯޑްކޮމްއިން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގައި ބުނާ "ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަން" އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްއާ ގައިޑްލައިންތަކާ ތަޢާރަޒުވާ ކޮންޓެންޓް ބްރޯޑްކާސްޓުކުރުމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިފަދަ ކޮންޓެންޓް ތަހުގީގުކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ފުރިހަމަ އިހްތިސާސް ބްރޯޑްކޮމް އަށް ލިބިގެންވާ ކަމަށާއި، ކޮމިޝަންގެ ސަމާލުކަމަށް އަންނަ އަދި ހުށަހަޅާ މިފަދަ ކޮންޓެންޓް ބަލައި، ޤާނޫނުން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ބްރޯޑްކާސްޓަރުންނަށް އަންގާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އަދި ހަމައެހެންމެ ޤާނޫނުއަސާސީއާއި ރާއްޖޭގައި އަމަލުކުރަމުންދާ އެންމެހާ ޤާނޫނުތަކަށް އިހްތިރާމްކޮށް އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދުމަށްވެސް ބްރޯޑްކާސްޓަރުންނަށް ބްރޯޑްކޮމް އިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން