Saturday, October 31
ޢީދަށް ރާއްޖެ ދިއްލާލުން ފަށާނީ ސެންޓްރަލް ޕާކުގައި ބާއްވާ ކުލަގަދަ ހަރަކާތްތަކަކުން!

ޢީދު އަލީގެ މައި ރަސްމިއްޔާތު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމުގެ ފަހުގެ ތައްޔާރީއަށް ވާން ފަށައިފިއެވެ.

މިއަހަރުގެ ފިޠުރު ޢީދާ ދިމާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ "ޢީދު އަލި" ހަރަކާތުގެ މައި ރަސްމިއްޔާތު އޮންނާނީ މާރިޗު 29 ވަނަ ދުވަހުގެ ރޭ 21:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މިއަހަރުގެ ޢީދު އަލި ހަރަކާތުގައި ރާއްޖޭގެ 64 ރަށެއް ކުލަގަދަ ދިއްލުންތަކުން ޒީނަތްތެރިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދިއްލުންތައް ހުންނާނީ ޢީދުގެފަހުން 6 ރޯދައިގެ ނިޔަލަށެވެ. ސެންޓްރަލް ޕާކުގައި ބޭއްވޭ މި ރަސްމިއްޔާތަކީ ޢާންމުންނަށް ހުޅުވާލެވިގެން، ޢާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ހަރަކާތެކެވެ.

ރާއްޖޭގައި ޢީދަށް ކުލަބޮކިން ދިއްލާލުމުގެ އާދަކާދަ ފެށިގެން އައީ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރުއެވެ. 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވުމަށްފަހު، މިކަން ޤައުމީ ފެންވަރުގެ ހަރަކާތަކަށް ބަދަލުކުރެއްވިއެވެ. މިދިޔަ އަހަރު މާލެ، ހުޅުމާލެ އަދި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްތައް ދިއްލާލެވުނެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަޠުޙީ އާދަމް ވިދާޅުވެއްޖެ، މިއަހަރުގެ ޢީދު އަލީގެ ރަސްމިއްޔާތު ފަރުމާކުރެވިފައިވަނީ ޢާއިލާތަކަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ގޮތަށް ކަމަށެވެ.

"ޢާންމު ރައްޔިތުންނަށް ހުޅުވާލެވިފައިވަނީ. އަޅުގަނޑުމެން އެދެނީ ޢާއިލީ ކަމެއްގެ ގޮތުގައި ހުރިހާ ބޭފުޅުންވެސް ވަޑައިގަތުން. މިކަން ވާނީ އުފާވެރި ޢާއިލީ ވަގުތުކޮޅަކަށް ލިބޭ ފުރުޞަތަކަށް. 6 ރޯދަ ނިމެންދެން ދިއްލާފައި ހުންނާނެ،" ސްޓޭޓް މިނިސްޓަރ ފަތުޙީ ވިދާޅުވިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތަށް ވަދެވޭނެ ތިން ގޭޓު ހުންނާނެ ކަމަށާއި، ޢާންމުންނަށް އެހީތެރިވުމަށް ޚާއްސަ މުވައްޒަފުން ތިބޭނެ ކަމަށް ސްޓޭޓް މިނިސްޓަރ ހާމަކުރެއްވިއެވެ. އަދި މިފަހަރުގެ ހަރަކާތުގައި ސެންޓްރަލް ޕާކުން އައު އަދި ތަފާތު ކަންތައްތަކެއް ފެނިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޖުމްހޫރީ މައިދާން ތަފާތު ދިއްލުންތަކުން ޒީނަތްތެރިކުރެވޭނެ ކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސެންޓްރަލް ޕާކު ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށާއި، މި ރަސްމިއްޔާތަކީ ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވޭނެ ކަމަށް ސްޓޭޓް މިނިސްޓަރ އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު