އއ. ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ސީރިއަސްވެ، ދެމީހުން ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
އާއިލާއާާ ހަވާލާދީ ރަށުމީހަކު މައުލޫމާތު ދިން ގޮތުގައި ފިހިގެން ހޮސްޕިޓަލަށް ގެންދިޔަ ދެމަފިރިންގެ ހާލު ވެސް ވަރަށް ސީރިއަސް ކަމަށާއި، ހަށިގަނޑުގެ ބޮޑުބައެއް ވަނީ ފިހިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފިހިފައިވަނީ އަންހެން މީހާއެވެ. ދެމަފިރިންގެ ތެރެއިން އަނބިމީހާ އަކީ ރަސްދޫގައި ހުންނަ އއ. އަތޮޅު އޮފީހުގެ މުވައްޒަފެކެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާ ފުލުހުންނަށް ރިޕޯޓުކުރެވުނީ ރޭ 11:15 ހާއިރު ކަމަށެވެ. އަދި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ތަހުގީގު ވަނީ ފަށާފައެވެ.
ލިބިފައިވާ އަނިޔާގެ ސަބަބުން އަންހެން މީހާ ގަދަވާނެ ކަމުގެ އުންމީދު ވަރަށް ކުޑަ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ބުނެފައިވާއިރު ފިރިހެންމީހާގެ ހާލުވެސް ނާޒުކު ހިސާބެއްގައެވެ.
އަލިފާނުގެ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައި ނުވެއެވެ.
މި ލިޔުން ކިޔާލުމުން