ހއ. ތަކަންދޫގައި ލޯކަލް ޓޫރިޒަމް ފެށުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު, ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިކަމަކީ އުތުރުގެ ސަރަހައްދުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަޒީރު ތޯރިގު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ މުހައްމަދު މުޢިއްޒު މިއަހަރުގެ ޖެނުއަރީ މަހު ތަކަންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ތާރީޚީ ތަންތަން ބައްލަވާލައްވާފައިވާ ކަމަށާއި، އެތަންތަން ދިރާސާކުރުމަށް ޚާއްސަ ޓީމެއް ފޮނުއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ތަންތަނަކީ ދިވެހިންގެ ސަގާފަތާއި ތާރީޚު ދައްކުވައިދޭ ތަންތަން ކަމުން، އެތަންތަން ހިމާޔަތްކޮށް މުޅި ދުނިޔެއަށް ދައްކުވައިދިނުމަކީ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
"މާ ލަސްތަކެއް ނުވެ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހެދިގެންދާނެ، ހއ. ހދ. އަދި ށ. އަތޮޅުގައި ރިސޯޓުތަކުގެ އިތުރުން ލޯކަލް ޓޫރިޒަމްވެސް ފުޅާވެގެންދާން ޖެހޭ، އެއީ އެއަރޕޯޓު ވައިބަލް ކުރަން އިތުރު ފަތުރުވެރިކަމުގެ އެނދު ބޭނުންވާތީ،" މިނިސްޓަރު ތާރިޤް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ތާރީޚީ ތަންތަން އާބާތުރަފިލުވައި، އޭގެ ހަޤީޤީ އައިޑެންޓިޓީއަށް އިޔާދަކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަޝްރޫޢެއް ހިންގުމަށް ނިންމާފައެވެ. މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްއިން ތަޢާރަފްކޮށްފައިވާ ލޯނު ސްކީމްގެ އެހީގައި ހއ. އަތޮޅުގައި ލޯކަލް ޓޫރިޒަމް ފުޅާކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށާއި، މުޅި ރާއްޖެއަށް ބޭންކް އޮފް މޯލްޑިވްސްގެ މި ސްކީމް ތަޢާރަފްކުރާނެ ކަމަށެވެ. އަދި މިއީ ވިޔަފާރިތައް ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށް ފާހަގަކުރައްވައި، މި ފުރުސަތުގެ ބޭނުން ހިފުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.
މި ލިޔުން ކިޔާލުމުން