Monday, November 2
މިލަންދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ށ. މިލަންދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑައިރެކްޓަރ ޑީސީޕީ ރިޓަޔާޑް އަހްމަދު ސައުދީ އާއި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނީ ޒަމާނީ ފެންވަރުގެ އިސްލާމީ މަރުކަޒެއް ގާއިމްކުރުމަށެވެ.

"އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެންމެ ފުރަތަމަ ވަގުފް ބިލްޑިން "ދާރުލް އީމާން" ބިނާކުރެއްވީ ވެސް އެމްޓީސީސީއިން. މިއަދު ވެސް މި ވުޒާރާގައި ހުރި އެންމެ އަގުހުރި އެސެޓަކީ އެއީ. އެތަނުން މި ވުޒާރާއަށް އަހަރަކު ހައެއްކަ މިލިއަން ރުފިޔާ ވަދޭ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި މިއަހަރުގެ ތެރޭގައި ހުރިހާ އިސްލާމީ މަރުކަޒުތަކެއްގައި ލައިބްރަރީ ގާއިމްކުރަން ފަށާނެއެވެ. މިގޮތުން ފުރަތަމަ އިސްލާމިކް ލައިބްރަރީ ސަލްމާން މިސްކިތުގައި ގާއިމްކޮށް، ކުރިއަށް އޮތް މަހު ހުޅުވުމަށް ވަނީ ރޭވިފައެވެ. އޭގެފަހުން ތިނަދޫ އަދި އުނގޫފާރު އިސްލާމިކް ސެންޓަރުގައި ލައިބްރަރީ ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މީގެއިތުރުން، ދިއްދޫ އިސްލާމިކް ސެންޓަރާއި އައްޑު އަތޮޅުގެ އިސްލާމިކް ސެންޓަރުގެ މަސައްކަތް ވެސް މިއަހަރު ތެރޭގައި ނިމޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މި ދެ މަރުކަޒަކީ އިސްލާމީ އިލްމު ފަތުރައި، ޤުރުއާން ހިތުދަސްކުރުމާއި، ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ހިންގޭނެ މުހިންމު ދެ މަރުކަޒަށް ވެގެންދާނެއެވެ.

ނަމަވެސް، ފުވައްމުލަކުގައި ގާއިމްކުރަމުންދާ ޤުރުއާން ސެންޓަރުގެ މަސައްކަތް ލަސްވަމުންދާތީ މިނިސްޓަރ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު