1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިޠުރު ޒަކާތުގެ ގޮތުގައި 7.6 މިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޒަކާތު ހައުސް އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރު ރޯދަ މަހުގެ ފުރަތަމަ 20 ގައި ފިޠުރު ޒަކާތުގެ ގޮތުގައި ޒަކާތު ހައުސްގެ ކައުންޓަރުތަކުންނާއި އޮންލައިން މަންސަތަކުން 7،632،214.03ރ. (ހަތް މިލިއަން ހަ ލައްކަ ބައްތިރީސް ހާސް ދުއިސައްތަ ސާދަ ރުފިޔާ ތިން ލާރި) ވަނީ ބަލައިގެންފައެވެ.
2024 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގެންފައިވަނީ 4.67 މިލިއަން ރުފިޔާ ކަމަށްވާއިރު، 2023 ވަނަ އަހަރު 4.69 މިލިއަން ރުފިޔާ އަދި 2022 ވަނަ އަހަރު 3.78 މިލިއަން ރުފިޔާ ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގެންފައިވެއެވެ. އަދި 2021 ވަނަ އަހަރުގެ މި މުއްދަތުގައި ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގެންފައިވަނީ 3.15 މިލިއަން ރުފިޔާއެވެ.
އެހެންކަމުން، ފާއިތުވި ފަސް އަހަރުގެ ތެރޭގައިވެސް މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ފިޠުރު ޒަކާތް ބަލައިގެންފައިވަނީ މި އަހަރުގައެވެ.
ޒަކާތު ހައުސް އިން ބުނެފައިވާ ގޮތުގައި 1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނާނީ 27 ރަމަޟާން ވަނަ ދުވަހުގެ ހެނދުނު 6:00 ގެ ނިޔަލަށް ކަމަށާއި، ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެ ކަމަށެވެ. ދިރާގު ޕޭ އާއި، އެމް ފައިސާ އާއި، ފައިސާ މޮބައިލް އެކްސް އާއި، ބީއެމްއެލް މޯބައިލް އާއި، ފަހިޕޭ އަދި ބަނޑެރި ޕޭ މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުންވެސް ފިޠުރު ޒަކާތް ބަލައިގަންނަން ވަނީ ފަށައިފައެވެ.
މާލެ ސީޓީ ފިޔަވައި ރަށްރަށުގައި ނަޤުދު ފައިސާއިން ފިޠުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ރަށު/ސީޓީ ކައުންސިލުން ކަމަށްވެސް ޒަކާތު ހައުސިން އިން ބުންޏެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު
- އާދައިގެ ހަނޑޫ - 12ރ.
- ތައިލެންޑް ހުދު ހަނޑޫ - 62ރ.
- ރަތް ހަނޑޫ - 86ރ.
- ބާސްމަތީ ހަނޑޫ (އާދައިގެ) - 74ރ.
- ބާސްމަތީ ހަނޑޫ (މޮޅު) - 100ރ.
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 133ރ.
- އާދައިގެ ފުށް - 10ރ.
- އާޓާ ފުށް - 75ރ.
މި ލިޔުން ކިޔާލުމުން