Monday, November 2
ތުލުސްދޫ ސްޓެލްކޯ ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކ. ތުލުސްދޫގައި އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ސްޓެލްކޯ ހެޑްއޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. މަސައްކަތާ ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ރާފިއުއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ތުލުސްދޫއަކީ މާލެއަށްފަހު އެ ކުންފުނީގެ ޚިދުމަތް ފެށި ފުރަތަމަ ރަށްކަމަށެވެ. އަދި މިހާރު ހުރި އިންޖީނުގެ ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށްވާތީ، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާ އެއްގޮތަށް އަލަށް ހިއްކި ސަރަހައްދަށް ބަދަލުކުރެވޭ ކަމަށް ވިދާޅުވިއެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް ވިދާޅުވީ، މިއީ ދާއިރާއަށާއި ތުލުސްދޫގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިހާރު ޢީދު ދުވަސްވަރު ކަރަންޓު ބޭނުންކުރުން އިތުރުވާ ވަގުތުތަކުގައި ދިމާވާ މައްސަލަތައް އައު އިންޖީނުގެއާ އެކު ހައްލުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ، މިއަދަކީ ތުލުސްދޫގައި އާ ޕަވަރހައުސްއެއް އެޅުމުގެ ދިގު އިންތިޒާރަށް ނިމުމެއް އައި ވަރަށްވެސް އުފާވެރި ދުވަހެއްކަމަށެެވެ. އަދި ކުރިއަށް އޮތް ތަނުގަ ތުލުސްދޫއަކީ ވަރަށް ގިނަ ގެސްޓްހައުސްތައް އެޅިގެންދާނެ ރަށަކަށް ވާތީވެ، މިހާރު ބޭނުންކުރާ ކަރަންޓުގެ އަދަދު ހަމަ ދެގުނަޔަށް އިތުރު ކުރަން ޖެހޭނެކަމަށްވެސް އަސްލަމް މޫސާ ވަނީ ވިދާޅުވެފައެވެ.

11.9 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 175 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު