Saturday, October 31
ހީނާމާގޭ ޕާކިން ސަރަޙައްދުން 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހީނާމާގޭ ޕާކިން ސަރަޙައްދުން ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ބިދޭސީން ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަނެއްގައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މިއީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. ހީނާމާގޭ ޕާކިންގ ސަރަޙައްދަކީ އެކި މަސައްކަތްތަކަށް ގިނަ އަދަދަކަށް ބިދޭސީން ޖަމާވާ ސަރަޙައްދެއްގެ ގޮތުގައި ފާހަގަކުރެވޭ ތަނެކެވެ.

މި ސަރަޙައްދުން މީގެ ކުރިންވެސް ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން މިދިޔަ ޖެނުއަރީމަހު ހިންގި ރެއިޑް އޮޕަރޭޝަނެއްގައި އެ ސަރަޙައްދުން 17 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އިމިގްރޭޝަނުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިދިޔަ އަހަރު ހިންގި އޮޕަރޭޝަންތަކުގައި އެކަނިވެސް 5600 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ.

ސަރުކާރުން މިހާރު ދަނީ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު