Saturday, October 31
8.5 މިލިއަން ރުފިޔާގެ ފުލެޓެއް ގަތްކަމަށް ބުނެ ފަތުރަނީ ދޮގުވާހަކައެއް ކަމަށް ފަހުމީ ވިދާޅުވެއްޖެ

މެނޭޖިން ޑިރެކްޓަރުގެ މަޤާމާ ހަވާލުވެލެއްވުމަށް ފަހު 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތް ކަމަށް ދެކެވެމުންދާ ވާހަކައަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މި މައްސަލައާ ގުޅޭގޮތުން ފަހުމީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ވާހަކައަކީ ސިޔާސީ މަންފާއެއް ހޯދުމަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކައެއް ކަމަށެވެ. އަދި މި ވާހަކައިގައި އިޝާރާތްކުރާ ފްލެޓަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، މީގެ އަހަރުތަކެއް ކުރިން އޭނާ ގަނެ ފައިސާ ދައްކަވަމުން ގެންދަވާ ފްލެޓެއް ކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފަައެވެ.

"ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާފަދަ، މިފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން މިކަން ވަގން ވަގުތުން ހުއްޓާލުމަށް އިލްތިމާސްކުރަން،" ފަހުމީ ވިދާޅުވިއެވެ.

މީގެއިތުރުން، ފަހުމީ ވިދާޅުވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުރެ ކުރަމުންދާ ޤައުމީ މަސައްކަތާ ގުޅޭގޮތުން ދެކެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް އިޙްތިރާމްކުރައްވާނެ ކަމަށެވެ. ނަމަވެސް، މިފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު