Friday, November 13
ތެލަސީމިއާ ސެންޓަރު ބަދަލުކުރާ އޮރެންޖް ހިޔާ ރައީސް ބައްލަވާލައްވައިފި

ނެޝަނަލް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް މިހާރު ތައްޔާރުކުރެވެމުންދާ "އޮރެންޖް ހިޔާ" އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

އެ އިމާރާތަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އިމާރާތުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު ބައްލަވައި އިތުރަށް ކުރަން ހުރި މަސައްކަތްތަކުގެ މަޢުލޫމާތު ހޯއްދަވާފައެވެ.

މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވަނީ އާ އިމާރާތަށް ތެލަސީމިއާގެ ޚިދުމަތްތައް ބަދަލުކުރެއްވި ނަމަވެސް، ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދައްޗެއްނެތި ޚިދުމަތް ދެވޭނެގޮތަށް، އާ އިމާރާތަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށެވެ. މީގެ އިތުރުން ޚިދުމަތް ހޯދާ ފަރާތްތަކަށް ކަންކަން ފަހިވާނެ ގޮތަށް، ބަލި މީހުންނާ އަދި ޚިދުމަތް ހޯދާފަރާތްތަކާ ގުޅިގެން އެފަރާތްތަކުގެ މަޝްވަރާއާއެކު، ގާތުން ކަންކަން ކުރިއަށް ގެންދިއުމަށްވެސް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރާތް ކުރެއްވުމުގައި އެމަނިކުފާނު ވަނީ އެ ވަގުތު ލޭއަޅަން ސެންޓަރުގައި ތިއްބެވި ޕޭޝަންޓުންނާއި، ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް ބައްލަވާފައެވެ. އަދި އެމަނިކުފާނު ވަނީ އެކަންކަމަށް އެންމެ އެދެވޭ އަވަސް ޙައްލު ހޯދައިދެއްވުމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުއްވައި ސަރުކާރުން އެކަންކަން ޙައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ހާލަތު ބައްލަވައިލައްވައިލައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު