މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 549،000 އިން މައްޗަށް އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މާރިޗު 19ގެ ނިޔަލަށް މި އަހަރު ރާއްޖެ އައިސްފައިވަނީ 549،747 ފަތުރުވެރިންނެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %4.8 ގެ ކުރިއެރުމެކެވެ. މި އަހަރު އެވުރެޖުކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވަނީ 7،048 ފަތުރުވެރިންނެވެ.
މީގެ އިތުރުން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރިސޯޓުތަކުގައި 379،508 ފަތުރުވެރިން ތިބިއިރު، ގެސްޓްހައުސްތަކުގައި 140،558 ފަތުރުވެރިން އަދި ހޮޓަލްތަކުގައި 15،909 ފަތުރުވެރިން ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ. ފަތުރުވެރި އުޅަނދުތަކުގައި މިވަގުތު ތިބީ 13،453 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. މިގޮތުން މިހާތަނަށް 67،414 ފަތުރުވެރިން އެ ޤައުމުން އައިސްފައިވާއިރު، ލިސްޓުގެ ދެވަނައިގައި އޮތް ރަޝިއާއިން އައިސްފައިވަނީ 56،575 ފަތުރުވެރިންނެވެ. އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 56،183 ފަތުރުވެރިން އައިސްފައިވެއެވެ.
މީގެ އިތުރުން މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިޓަލީ، ޖަރުމަނުވިލާތް، އިންޑިއާ، ފްރާންސް، އެމެރިކާ، ޕޮލޭންޑް އަދި ސްވިޓްޒަލަންޑުންނެވެ.
މި ލިޔުން ކިޔާލުމުން