ދިވެހި ފުޓްބޯޅައަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސާންތީ ނިޔާވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ތަޢުޒިޔާގެ މެސެޖެއްގައެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
ކުޅިވަރުގެ ރޮނގުން، ވަކީން ޚާއްޞަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ،… pic.twitter.com/nUD9JzqBXw
— Dr Mohamed Muizzu (@MMuizzu) March 22, 2025
މިގޮތުން ރައީސް ވިދާޅުވީ ކުޅިވަރުގެ ރޮނގުން، ވަކީން ޚާއްޞަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް ކަމަށެވެ.
ރައީސް ވަނީ ހިތާމައިގެ މިވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަދި ސާންތީގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައިފައެވެ.
"މަރުޙޫމް އިޙްސާން ޢަބްދުލްޣަނީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސްވެގެންވާ ނިޢުމަތާ މަޣްފިރަތުގައި އަބަދުމެ ލަހައްޓަވާށި. އާމީން!"، ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ސާންތީ ނިޔަވީ ކެންސަރު ބައްޔަށް ފަރުވާކުރައްވަމުން ގެންދަވާތާ ދޮޅު އަހަރެއްހާ ދުވަހަށް ފަހު މިރޭ ޓްރީ ޓޮޕް ހޮސްޕިޓަލްގަ އެވެ.
ކޯޗު އިހުސާންއަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކޯޗެވެ. އޭނާގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އަދާކުރެއްވި މުހިންމު ދައުރެވެ.
ކޯޗު އިހުސާންގެ ކާމިޔާބު ކެރިއަރުގައި، ކްލަބް އީގަލްސްގެ ކޯޗެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވައި، އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯއްދަވައިދެއްވިއެވެ. މީގެ އިތުރުން، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަމާއި، ޤައުމީ ކުޅިވަރު މަޖިލީހުގެ މެންބަރުކަން އަދާކުރައްވާފައިވެއެވެ.
2023 ވަނަ އަހަރު ސާންތީގެ ބަލިޙާލަތު ގޯސްވުމާ ގުޅިގެން ކްލަބް އީގަލްސްގެ ކޯޗުކަމުން ވަކިވެ އޭގެފަހުން ރަސްމީ މަގާމެއްގައި މަސައްކަތް ނުކުރެއްވި ނަމަވެސް، ދާދި ފަހުން ބޭއްވުނު އެފްއޭއެމް ޔޫތު ލީގުގެ ޑިރެކްޓަރުކަން އަދާކުރެއްވުމާއެކު، މިދިޔަ އަހަރު 16 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކޯޗިން ސްޓާފަށްވެސް ސާންތީވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. ޤައުމީ ޓީމުގައި މިހާރު ތިބި ގިނަ ކުޅުންތެރިންނަކީ ސާންތީ އީގަލްސް ކްލަބްގައި ބިނާކުރެއްވި ވަރުގަދަ ޓީމުގެ މެންބަރުންނެވެ.
ކޯޗިންގ ދާއިރާގައި ސާންތީ ފާހަގަކުރެވިފައިވަނީ ޒުވާން ކުޅުންތެރިންނަށް ޚާއްޞަ އިތުބާރެއް ކުރައްވާ، ހުނަރުވެރި ކޯޗެއްގެ ގޮތުގައެވެ.
ކޯޗު އިހުސާންގެ ހުނަރާއި ތަޖުރިބާ ދިވެހި ފުޓްބޯޅައިގެ ކުރިމަގު އުޖާލާކުރުމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދީފައެވެ. އަދި މިއީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ފަވާލެވޭނެ ހަނދާންނުނެތޭނެ ކޯޗެކެވެ.
މި ލިޔުން ކިޔާލުމުން