Monday, November 2
މާލެއާއި ހުޅުމާލެ ގުޅާލާ ފެނުގެ ވިއުގަ ޓެސްޓުކުރަން އެމްޑަބްލިއުއެސްސީ އިން ފަށައިފި

މާލެއާއި ހުޅުމާލެއާ ދެމެދު މީރު ފެން ދައުރުކުރެވޭ ގޮތަށް ޤާއިމުކުރާ ފެނުގެ ވިއުގަ ޓެސްޓްކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ.

މި މަޝްރޫޢަކީ 2018 ވަނަ އަހަރު ސިނަމާލެ ބްރިޖް ހުޅުވުމާއެކު ފެށުނު މަސައްކަތެއް ނަމަވެސް، މިދިޔަ ފަސް އަހަރު ތެރޭގައި އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާ މަޝްރޫޢެކެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވި ގޮތުގައި، ފެނުގެ ވިއުގަ ޤާއިމުކުރުމަށް ބޭނުންކުރާ ހޮޅި ސާފުކޮށް، ދެ ކޮޅުން މިހާރު ވަނީ ގުޅާލާފައެވެ. އަދި މިހާރު ވަގުތީ ގޮތުން ޓެސްޓްކުރުމުގެ މަސައްކަތުގައި 3000 ޓަނުގެ ފެން ދައުރުކުރެވޭކަމަށްވެސް މަތީނު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަގައިގެން އަލުން ފަށާފައިވާ މި މަޝްރޫޢު ފުރިހަމަވުމުން، 20،000 ޓަނުގެ ފެން އެއް ރަށުން އަނެއް ރަށަށް ދައުރުކުރެވޭނެއެވެ. މި މަޝްރޫޢުގެ ދަށުން ޕަމްޕް ސްޓޭޝަނެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާއިރު، އޭގެ އިމާރާތުގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.

މި ފެނުގެ ވިއުގައިގެ މައިގަނޑު މަޤްޞަދަކީ މާލެ ސަރަޙައްދުގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. މިގޮތުން، މާލެ ނުވަތަ ހުޅުމާލޭގައި ފެން ފޯރުކޮށްދިނުމަށް މައްސަލައެއް ދިމާވެއްޖެނަމަ، އެއް ރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު ފެން ފޯރުކޮށްދެވޭނެއެވެ.

އެމްޑަބްލިޔުއެސްސީން އަމާޒު ހިފާފައިވަނީ މި އަހަރުގެ ޖުލައި ނުވަތަ އޮގަސްޓް މަހާ ދެމެދު ފެނުގެ ވިއުގައިގެ ޚިދުމަތް ފެށުމަށެވެ. އެހެންނަމަވެސް މި ޚިދުމަތް ފެށުމުގެ ކުރިން ޕަމްޕް ސްޓޭޝަނުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމާއި އެހެނިހެން ތައްޔާރީތައް ފުރިހަމަކުރަން ޖެހޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު