Saturday, October 31
ފިޠުރު ޢީދަށް ގްރޭޓަރ މާލެ ސަރަހައްދު ޒީނަތްތެރިކޮށް ދިއްލާލުމުގެ މަސައްކަތް ފަށައިފި

މާލެ ސިޓީ ކައުންސިލާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އަދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގުޅިގެން، ކުލަ ބޮކިތަކާއި ގިޑިގެ ތަކުން، ގްރޭޓަރ މާލެ ސަރަހައްދު ޒީނަތްތެރިކޮށް ދިއްލާލުމުގެ މަސައްކަތް ފަށައިފި އެވެ.

މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް، މާލެ ސިޓީ ކައުންސިލުގައި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ކުރިއަށް އޮތް ފިތުރު ޢީދުގައި، މާލެ ސިޓީ ދިއްްލާ ޒީނަތްތެރި ކުރުމަށް، ކައުންސިލުން ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، މޫސާ ފަތުޙީ އާދަމް ވިދާޅުވީ މިދިޔަ ޢީދުގައި، ސެންޓަރަލް ތަނެއްގެ ގޮތުގައި ބޮޑަށް ދިއްލީ ޖުމްހޫރީ މައިދާން ކަމުގައި ވިޔަސް، މި ފަހަރުގެ ޢީދުގައި، ސެންޓަރަލް ތަނެއްގެ ގޮތުގައި ދިއްލުމަށް ހަމަޖެހިފައި ވަނީ، ހުޅުމާލެ ސެންޓަރަލް ޕާކު ކަމަށާއި، ޢީދާ ގުޅިގެން ބާއްވާ ރަސްމިއްޔާތު ވެސް މި ފަހަރު އޮންނާނީ ސެންޓަރަލް ޕާކުގައި ކަމަށެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ރަޝީދު ވިދާޅުވީ، މިދިޔަ އަހަރަށް ވުރެ މިއަހަރު މާލެ ދިއްލާ ޒީނަތްތެރި ކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންދެވުމަށް ޚާއްޞަ ސާމާލުކަމެއް ދެއްވައި، އިތުރު މަސައްކަތްތަކެއް ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލް އެގްޒެކެޓިވް ޝަމްހޫޒާ އަހުމަދު ވިދާޅުވީ، ޢީދަށް މާލެ ސިޓީ ދިއްލުމުގެ އިތުރުން، އެހެން އަހަރު ތަކެކޭ އެއްފަދައިން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި، ޢީދު ރަމްޒުކޮށްދޭ ގިޑިގެ ތަކެއް ހެދުމަށް ވެސް ނިންމަވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝާއި، ސިޓީސް މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު