ތިމާވެށްޓާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އާތު އަވަރ މާދަމާ ދިވެހިރާއްޖޭގައިވެސް ފާހަގަކުރުމަށް ނިންމައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ "އާރތް އަވަރ 2025" މި ޙަރަކާތުގައި ރާއްޖޭ ރައްޔިތުންނާއި ދިރިއުޅޭ ފަރާތްތަކުންނާއި، ރައްޔިތުންނާއި، ވިޔަފާރި ކުންފުނިތަކާއި، އެކިއެކި މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމަށް އެދިފައެވެ. މި ޙަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ 22 މާރިޗު 2025 ވަނަ ދުވަހުގެ ރޭގަނޑު 08:30 އިން 09:30 އަށެވެ.
އެގޮތުން، ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވާ އެހެން ހުރިހާ ދިއްލުންތައް މި ގަޑިއަށް ނިއްވާލައި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ޙިމާޔަތްކޮށް، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން ނެތިގެންދާ ދިރުންތަކާއި، މާޙައުލީ ބަދަލުތަކަށް ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އެންމެން އެކުގައި މި ޙަރަކާތުގައި ބައިވެރިވުމަށްވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ.
މި ޙަރަކާތަކީ ދުނިޔެ ހޫނުވުމާއި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ ޙަރަކާތެކެވެ. މި ޙަރަކާތަކީ ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއަގްވާމީ މުހިންމު ޕްލެޓްފޯމެކެވެ. މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، އަޅުގަނޑުމެންގެ ޤުދުރަތީ ތަރިކަ ޙިމާޔަތްކުރުމަށް އެއްބައިވަންތަކަމުގެ އަޒުމް ދައްކުވައިދިނުމެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 މިނެޓުގެ ވަގުތަށް ރަމްޒީ 'ލައިޓް އައުޓް' ޕީރިއަޑެއްގައި ބައިވެރިވެ، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ވަކި ވަކި ފަރުދުންނާއި، އަމިއްލަ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރުވުމަށް ހިތްވަރު ދިނުމެވެ.
ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަމުން، ޤުދުރަތީ ވެއްޓާއި، އެ ވެށީގައި ހިމެނޭ ޤުދުރަތީ ދިރުންތައް ޙިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެ ވުޒާރާއިން ބުންޏެވެ.
އެހެންކަމުން، މި ޙަރަކާތުގައި އެންމެންވެސް ބައިވެރިވުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
"މި އަހަރުގެ "އާރތް އަވަރ" ޙަރަކާތަކީވެސް އަޅުގަނޑުމެންގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމަށް ދޭ އަހައްމިއްޔަތުކަން ދަމަހައްޓާ، ޤައުމީ ފެންވަރުގައި ކާމިޔާބު ޙަރަކާތަކަށް ހަދަމާތޯ"، އެ ވުޒާރާއިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން