ފިޠުރު ޒަކާތަކީ ރޯދަމަހު ރޯދަތައް ހިފިއިރު ކުރެވިފައިވާ އުނި ކަންކަން ފޫބައްދައިދޭ ކަމެއް ކަމުގައި ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ޚުޠުބާގެ މައުޟޫއަކީ "ލައިލަތުލްޤަދްރި" އެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ ރަމަޟާން މަހާ ވިދިގެން އަދާކުރަން އަމުރުކުރައްވާފައިވާ އަޅުކަމެއް ވާކަމަށާއި، އެއީ ފިޠުރު ޒަކާތް ކަމަށާއި، ފިޠުރު ޒަކާތަކީ ރޯދަތައް ހިފިއިރު ކުރެވިފައިވާ އުނި ކަންކަން ފޫބައްދައިދޭ ކަމެއް ކަމަށެވެ. ޚުޠުބާގައި ވަނީ ތިމާއާއި ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންނާއި ކުދީންގެ ފަރާތުން ފިޠުރު ޒަކާތް ނެރުމަށް އަވަސްވުމަށް ގޮވާލައިފައެވެ.
މީގެ އިތުރުން މިއަދުގެ ޚުޠުބާގައިވަނީ ކިޔަމަންތެރިވެ މާތްﷲ އަށް ތަޤުވާވެރިވުމަށާއި، ހެޔޮ ޢަމަލާއެކު މި މާތް މައްސަރު ނިންމާލެވޭތޯ ބެލުމަށާއި، އަމިއްލަ ނަފުސަށް ކުރެވޭ ޢަހުދުތަކަށް ރައްކާތެރިވުމަށާއި، އިސްތިޣުފާރުކުރުން ގިނަކުރުމަށް ގޮވާލައިފައެވެ. އެއީ އެ ކަމަކީ ރޯދައަށް ހުންނަ އިރު އެ މީހަކަށް ކުރެވޭ ކުދިކުދި ފާފަތައް ފުއްސަވައިދެއްވާނޭ ކަމެއް ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ.
އަދި، އިސްލާމްކަން މަތީ، ހެޔޮ ހާލުގައި ތިބެ ރަމަޟާން މަހާ ބައްދަލުވުމަކީ ކުޑަ ނިޢުމަތެއް ނޫން ކަމަށާއި، އިންސާނާގެ ޢަމަލުތަކުގެ ވާހަކަ ފަތްފުށްތަކުގައި މަލާއިކަތުން ލިޔުއްވާނެތީ ހެޔޮ ޢަމަލެއް މެނުވީ ނުކުރުމަށްވެސް ޚުޠުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
"މިހާރު އަހަރެމެން މި ތިބީ މި މަހުގެ ފަހު ދިހައިގެ ތެރޭގައެވެ. ވީމާ އަހަރެމެންގެ ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވައިތޯ މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާށެވެ!"، ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މިއީ ބަރަކާތުން ފުރިގެންވާ ދުވަސްތަކެއް ކަމަށާއި، މި ދުވަސްތަކާއި ރޭތައް އިޙްޔާކުރުމަކީ އެ ކަމުގެ ދަރުމައާއި ސަވާބުގެ މިންވަރު ހިސާބުކުރަން ނޭނގޭ ވަރަށް އިތުރުކޮށްދެއްވާ ކަމެއް ކަމަށްވެސް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން