ޖަލުތަކުގައި ތިބޭ ގައިދީންނަށް ޚާއްޞަ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.
މިކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒަރީރު ވާހަކަފުޅު ދައްކަވަމުންނެވެ.
ޒަރީރު ވިދާޅުވީ ހޮސްޕިޓަލް ގާއިމުކުރުމަށް ކަރުދާސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަންނަ އަހަރުގެ ޖޫން މަހާ ހިސާބަށް ހޮސްޕިޓަލް ގާއިމުކޮށް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ކަރެކްޝަނަލް ސާވިސްގެ ހޮސްޕިޓަލެއް ގާއިމް ކުރަން ޕޭޕަރަށް ގެނެސްގެން އެ މަސައްކަތް ހިނގަމުން އެބަދޭ،" ޒަރީރު ވިދާޅުވިއެވެ.
ކ. މާފުށީ ޖަލުގައި ދުވާލަކު 180 ވަރަކަށް ގައިދީން ޖަލުގެ ޑޮކްޓަރުންނަށް ދައްކާ ނަމަވެސް، ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން އެ ރަށުގައި ނެތުމުން ފަރުވާއަށް ގައިދީން މާލެ ގެންނަން ޖެހޭ ކަމަށް ޒަރީރު ވިދާޅުވިއެވެ. ގިނަ ގައިދީން ބޭނުންވަނީ ލޮލާއި ދަތުގެ ފަރުވާ ކަމަށާއި، ކޯޓުތަކަށާއި ޑޮކްޓަރަށް ދެއްކުމަށް މާލެ ގެންނަ ކޮންމެ ގައިދީއަކާއެކު އޮފިސަރަކު ފޮނުވަން ޖެހޭތީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް އެކަލޭގެފާނު ވިދާޅުވިއެވެ.
މި މައްސަލައަށް އަވަސް ޙައްލެއްގެ ގޮތުން، ކަރެކްޝަނަލް ސަރވިސްގައި ފުރަތަމަ ފަހަރަށް ލޮލުގެ ކްލިނިކަކާއި ދަތުގެ ކްލިނިކެއް މި މަހުގެ ތެރޭގައި ހުޅުވަން ހަމަޖެހިފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ. ހުޅުމާލޭގައި ކުރިން ކޮވިޑް ފެސިލިޓީ ހިންގި ތަނުގައި ހުޅުވާ މި ކްލިނިކްތަކުގައި ސްޕެޝަލިސްޓުންނަށް ދެއްކުމުގެ އިތުރުން، ކުއްލި ޙާލަތްތަކުގައި ގައިދީން އެޑްމިޓްކޮށްގެން ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.






