ދުނިޔޭގެ ގިނަ ރެސިޑެންސީ ޕްރޮގްރާމްތަކުގައި ބިމަކީ ހިލޭ ދޫކުރެވޭ އެއްޗެއް ނޫން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދޭން އުޅޭތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ނަޝީދު ވިދާޅުވީ، މިފަދަ މަޝްރޫޢުތަކުގައި ބިމުގެ ވެރިފަރާތާއި ޑިވެލޮޕަރާ ދެމެދު އެއްބަސްވުމެއް ހަދަނީ ބިމުގައި ތަރައްޤީކުރާ ރެސިޑެންސީ ވިއްކުމަށް ކަމަށެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ގިނަ ރެސިޑެންސީ ޕްރޮގްރާމްތަކުގައި ބިމަކީ އެއްގޮތަކަށްވެސް ހިލޭ ލިބޭ އެއްޗެއް ނޫން. ޑިވެލޮޕަރު އިންވެސްޓްމަންޓް ކެޕިޓަލް ހަމަޖައްސާއިރު، ބިމުގެ ވެރިފަރާތުން ފޯރުކޮށްދެނީ ބިން. އަދި ރެސިޑެންސީ ވިއްކާލުމުން، ދެ ފަރާތަށްވެސް އޭގެ ފައިދާ ލިބޭ،" ނަޝީދުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ސިޔާސީ މަސްރަޙުގައި ބަހުސްތަކެއް ހިނގަމުންދާއިރު، ނަޝީދު މި ވާހަކަފުޅު ދައްކަވާފައިވަނީ މިފަދަ އިންވެސްޓްމަންޓްތަކުގައި ވިޔަފާރި ހިނގާ ގޮތް ސާފުކޮށްދެއްވުމުގެ ގޮތުންނެވެ.






