ހުޅުމާލޭގައި ތަރައްޤީކުރާ، ރާއްޖޭގެ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް ކަމަށްވާ މާލެ ކޯޓު ކޮމްޕްލެކްސްގެ ބިންގާ މިއަދު އަޅައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވައިދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްޣަނީ މުޙައްމަދެވެ. އެ ރަސްމިއްޔާތުގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ 29،490 އަކަފޫޓުގެ ބިމެއްގައި 14 ފަންގިފިލާގެ އިމާރާތެއް ބިނާކުރާނެއެވެ. އަދި މި އިމާރާތުގެ ތެރޭގައި ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ފެމިލީ ކޯޓު، ޑްރަގް ކޯޓު، ޖުވެނައިލް ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އޮފީސް ގާއިމުކުރާނެއެވެ.
މި މަޝްރޫޢު ދެ އަހަރު ނުވަތަ 720 ދުވަސް ތެރޭގައި ނިންމާ ގޮތަށް، މިދިޔަ ޖުލައި މަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ވަނީ ހަވާލުކޮށްފައެވެ. މިއީ 699.86 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން މައްސަލަތައް ނިންމުމުގައި އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، މި މަޝްރޫޢު ނިމުމުން ޝަރުޢީ ދާއިރާއިން ޚިދުމަތް ހޯދުން ރައްޔިތުންނަށް ފަސޭހަވާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.






