ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު އިއްޔެ މަޤާމުން ވަކިކޮށް، ފުލުހުންގެ ތަހުގީގެއް ފަށައިފިއެވެ.
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައެއް ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން 2025 މާރިޗު 20 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
ޝައްމާން މަގާމުން ވަކިކުރިކަން ޔަގީންވި ނަމަވެސް ސަރުކާރުން އަދި ރަސްމީކޮށް މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ. ހަމައެހެންމެ ފުލުހުން ތަހުގީގުކުރަމުންދަނީ ކޮންބައެއްގެމައްޗަށް ހިންގާ ކޮންފަދަ މައްސަލައެއްކަން ސީދާ ރަސްމީކޮށް އެނގެންނެތް ނަމަވެސް ރޭގެ ވަގުތެއްގައި މި މައްސަލައާ ގުޅިގެން މަނީލޯންޑާ ކުރާ ކަމުގެ ތުހުމަތެއް ކޮށް ބަޔަކު ހައްޔަރުކޮށްފައިވާ ކަން ވަނީ ޔަގީންވެފައެވެ.
އިމިގްރޭޝަންގައި 14 އަހަރު މަސައްކަތްކުރެއްވި ޝަމްއާނަށް އިމިގްރޭޝަން ކޮންޓްރޯލަރުކަން ލިބިވަޑައިގަތީ މި ސަރުކާރު ވެރިކަމަށް އައިސް 2023 ވަނަ އަހަރުގެ ނޮވެމްބަރު 19 ގައެވެ. އޭނާ މަޤާމުން ވަކިކުރި ސަބަބާ ގުޅޭގޮތުން ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ޝަމްއާން މީގެ ކުރިން އިމިގްރޭޝަން އޮފިސަރުކަމުން ވަކިކުރެވިފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްކުރަން ފެށުމާ ގުޅިގެންނެވެ. ނަމަވެސް 2022 ގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ އޭނާ ވަޒީފާއިން ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އަލުން ވަޒީފާ ރުޖޫޢަ ކުރުމަށެވެ.
ފުލުހުންގެ ފަރާތުން މި މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ މިންވަރަކުން އިތުރު ތަފްސީލުތައް ހާމަކުރަމުން ގެންދާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން