Monday, November 2
ހަތަރު ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ހެދުމަށް ކުންފުންޏަކާ ހަވާލުކޮށްފި

ހަތަރު ރަށެއްގައި ކުނިމެނޭޖްކުރާ މަރުކަޒުތައް ހެދުމުގެ މަސައްކަތް ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

ތިމާވެއްޓާބެހޭ ވުޒާރާއިން އއ. ހިމަންދޫ، އއ. ފެރިދޫ، އއ. ތޮއްޑޫ އަދި ކ. ކާށިދޫގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ހެދުމުގެ މަސައްކަތް ހަވާލުކުރީ ސަނީލޭންޑް އިންވެސްޓްމަންޓާއެވެ. މި4 ރަށަކީ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ޒޯން 3 ގެ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށްތަކެކެވެ.

މިކަމާގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެފައިވަނީ، "ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށަކަށް އެކަށޭނެ ކުނި މެނޭޖްކުރާނެ ނިޒާމެއް ޤާއިމްކޮށްދިނުން" ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ "ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ޤާއިމްކުރުން" ކަމަށާއި، ކުންފުނިތަކުން ލަސްނުކޮށް ސައިޓް ހަވާލުކުރުމުން މަސައްކަތް ފަށާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި، އެހެނިހެން ބޭރުގެ އެހީދޭ ފަރާތްތަކުގެ ހިލޭ އެހީއާއި ލޯނު އެހީ ހިމެނޭގޮތަށް ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ޒޯން 3 (ކ. އއ. އދ. އަދި ވ. އަތޮޅު) ގެ ރަށްތަކުގައި ދެމެހެއްޓެނިވި ވަށާޖެހޭ އުސޫލަކުން ކުންޏާއި ވަސީލަތްތައް މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމެވެ.

ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރާ ރަށްރަށުގެ ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ލަސްނުކޮށް ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު