Monday, November 2
ޣައްޒާއަށް ދެމުންދާ ޙަމަލަތައް ރާއްޖެއިން ކުށްވެރިކޮށްފި

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ކުށްވެރިކޮށް، އިސްރާއީލާ މެދު އަވަސް ފިޔަވަޅުތަކެއް އެޅުމަަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އިސްރާއީލުގައި ބޮޑު ގަތުލުއާންމެއް ނުހިންގާ ތިބުމަށްފަހު، ރޭ އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ގިނަ ބަޔަކު ޝަހީދުކޮށްލާފައެވެ.

އިސްރާއީލުން އާންމުންނަށް ވަރުގަދަ ހަމަލާތަކެއްދީފައިވާއިރު، އާންމުން ދިރިއުޅޭ ޓެންޓްތަކުގައި ވެސް ވަނީ އަލިފާން ރޯކޮށްލާފައެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއްނެތް ތުއްތު ކުދިން ހިމެނޭހެން 400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

މާތްވެގެންވާ ރަމަޟާން މަހުގައި ދިން އެ ހަމަލާއަކީ ސުލްހައިގެ އެއްބަސްވުމާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާއި އިންސާނީ ޤާނުނުތަކާއި މުޅިން ހިލާފުކަމެއް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އިސްރާއީލްގެ ހަމަލާއާއި ގުޅިގެން ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވަގުތުން ވަގުތަށް އަވަސް ފިޔަވަޅުތަކެއް އަޅައި އިސްރާއީލް ޒިންމާދާރު ކުރުވުމަށް ގޮވާލާފައެވެ. ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް އޭގެ ވެރިރަށް ކަމުގައި ބަލައިގެން، މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނު ރައްޔިތުންނަށް ލިބިދޭ ހައްގުތަކަށް ފުރިހަމަ ތާއީދުކުރާ ކަމަށެވެ. އަދި މި ކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުއިން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު