ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތަކުގެ ތެރެއިން އެއް ބިމެއް، އެކި ފަރާތްތަކަށް ދީފައިވާ މައްސަލަތަކެއް ފާހަގަވެފައިވާތީ، އެ މައްސަލަ ތަޙުޤީޤު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ.
އެޗްޑީސީން މިކަން ހާމަކުރީ، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކުރުމުގެ ހުއްދައަށް އެދޭއިރު، އެއް ބިމަކަށް އެއް މީހަކަށްވުރެ ގިނަ ބަޔަކު ހުއްދައަށް އެދެމުންދާކަން ފާހަގަވުމާ ގުޅިގެންނެވެ. މި މައްސަލަ ފާހަގަވެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިންތަކުގެ ޚާއްޞަ އޮޑިޓެއް ހެދުމުންނެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 15 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ގުރުއަތުލުމުގައި، ހުޅުމާލެއިން 1،351 ގޯތި ދިނުމަށް ކަނޑައެޅުނެވެ. މިހާތަނަށް 600 އަށްވުރެ ގިނަ ގޯތި ވަނީ ހަވާލުކޮށްފައެވެ. މި ސްކީމްގެ ދަށުން މުޅި މާލެ ސަރަހައްދުން ޖުމްލަ 9،000 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.
އެޗްޑީސީން ބުނާ ގޮތުގައި، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެއެވެ.
ބިންވެރިޔާ ސްކީމަކީ މިދިޔަ ސަރުކާރުން މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ތަޢާރަފުކުރި ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ.
މި ލިޔުން ކިޔާލުމުން