ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުނުކޮށް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާލެއްވުމާ ގުޅިގެން، އެ ބިލު އަލުން ދިރާސާކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލު އަލުން ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހީމް ފަލާޙެވެ. މެންބަރު ފަލާޙްގެ މި ހުށަހެޅުމަށް ތާއީދުކުރެއްވީ މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރެވެ. މިގޮތުން ބިލު އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވަން ފެންނަ ކަމަށް 50 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްޠާރު މުޙައްމަދު ހުށަހެޅުއްވި މި ބިލަކީ މި އަހަރުގެ ފެބުރުވަރީ 26 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ބިލުގައި ހިމެނޭ މުހިންމު ބަދަލުތަކުގެ ތެރޭގައި، ފަނޑިޔާރުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލު ނޫންކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން، މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން