ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ އުނދަގޫތައް ކުޑަކުރުމަށް ޓަކައި މި ހިނގާ މާރިޗު މަހުގެ 8 ވަނަ ދުވަހު، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފެށި މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމުގައި އެ ވުޒާރާއިން ބުނެފިއެވެ.
މިގޮތުން އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ލަގްޒަރީ ކުރިމަތިން ފެށި މި މަސައްކަތް މިހާރު ވަނީ ޗާންދަނީމަގުގެ ހުޅަނގު، މަޖީދީމަގުގެ ދެ ފަޅީގައިވާ ކާނުތައް ސާފުކޮށް މުޅިން ނިމިފައެވެ. އަދި ކާނުތައް ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން މިއަދު ހެނދުނު ކުރިއަށްދަނީ ޗާންދަނީމަގުގެ އިރުމަތި، މަޖީދީމަގުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
ކާނުތައް ސާފުކުރުމުގެ މަސައްކަތް މި ރަމަޟާން މަހު ކުރަމުން އަންނަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އިން މެންދުރު ފަހު 2.00 އަށެވެ. ކާނުތައް ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ގޮތަށް، ކުރިއަށް ގެންގޮސް ނިންމާލުމުން ވާރޭވެހި މާލޭގައި ފެންބޮޑުވާ މައްސަލައަށް ކުޑަނަމަވެސް ޙައްލެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ލިޔުން ކިޔާލުމުން