ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އިޙްސާސްކުރެވޭ ހޫނުމިން 37 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ގޮސްފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
އެ އިދާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިއަދު ހުޅުމާލޭގެ ހޫނުމިން 32.2 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް، އިޙްސާސްކުރެވޭ ހޫނުމިން ހުރީ 37.2 ޑިގްރީ ސެލްސިއަސްގައެވެ. ހަމައެހެންމެ، ހދ. ހަނިމާދޫގައި ހޫނުމިން 32.4 ޑިގްރީގައި ހުރިއިރު، އިޙްސާސްކުރެވޭ ހޫނުމިން 36.9 ޑިގްރީއަށް އަރާފައިވެއެވެ.
މީގެއިތުރުން، ލ. ކައްދޫ، ގދ. ކާޑެއްދޫ އަދި އައްޑޫ ސިޓީ ގަމުގައިވެސް އިޙްސާސްކުރެވޭ ހޫނުމިން 36 ޑިގްރީއަށްވުރެ މަތިވެފައިވާކަމަށް އެ އިދާރާއިން ހާމަކުރެއްވިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިގޮތުގައި، މިހާރު ހިނގަމުންދާ މާރިޗު މަހާއި ކުރިއަށް އޮތް އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުތަކުގައި ހޫނުމިން އެންމެ މައްޗަށް ދާނެ ދުވަސްވަރެވެ. އަދި ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިވެފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިޙްސާސްކުރެވޭ ހޫނުމިން މަތިވާކަމަށް އެ އިދާރާއިން ފާހަގަކުރެއްވިއެވެ.
ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ޞިއްޙީ މައްސަލަތަކުގެ ތެރޭގައި ވަރުދެރަވުމާއި، އަކުނިވަޔަށްދެމުން، ބޮލުގައި ރިއްސުމާއި ބޯއެނބުރުން، ހަށިގަނޑުގައި ފެންމަދުވުން އަދި ލޮލަށް ލިބޭ ގެއްލުން ހިމެނެއެވެ. މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް، ބޭރަށްދާއިރު ކުޑަ ބޭނުންކުރުމާއި، ކުލަމަޑު އަދި ހަށިގަނޑު ނިވާވާފަދަ ދޫހެދުން ލުމަށާއި، އަވީގައި އުޅޭއިރު ސަންލޯޝަން ބޭނުންކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ.
މި ލިޔުން ކިޔާލުމުން