ކުޑަކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ހުރިހާ ފަރާތްތައްވެސް ދެމިތިބުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އިލްތިމާސްކޮށްފިއެވެ.
މާރިޗު 13 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކައާ ގުޅިގެން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ 35 ވަނަ މާއްދާގައި ކުޑަކުދިންނަކީ ޢާއިލާގެ ފަރާތުންނާއި، ޖަމާޢަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބެންޖެހޭ ބައެއް ކަމަށް ކަނޑައަޅާފައިވާ ކަމަށާއި، އެ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެ ލިބިދީފައިވީނަމަވެސް، މި ޙައްޤު ބޭނުން ކުރުމުގައި އެހެން އެއްވެސް ފަރާތެއްގެ ޙައްޤަކަށް ނުވަތަ ކަރާމާތަށް އުނިކަމެއް ނާންނަކަން ކަށަވަރުކުރުމާއި، މި ޙައްޤު ބޭނުންކުރުމުގައި ރާއްޖޭގައި ތަސްދީޤުކޮށް ޢަމަލުކުރަމުންދާ ޤާނޫނީ ތަރަހައިގެ ތެރެއިން ޢަމަލުކުރުމަކީ ދިވެހި މުޖުތަމާއުގެ އެންމެހައި ފަރުދުންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ނަޒަރުކުރާއިރު، ރާއްޖޭގައި ކުޑަކުދިންނަށް ލިބިގެންވާ ޙައްޤުތަކާއި، އެ ކުދިންނާ މަތިކުރެވިފައިވާ ޒިންމާތަކާއި، ކުޑަކުދިންނާ ގުޅޭގޮތުން މައިންބަފައިންނާއި، ބެލެނިވެރިންނާއި، ޢާއިލާއާއި، ޖަމާޢަތާއި، ދައުލަތާއި، އެހެނިހެން ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާތަކާ އަދި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް ކަނޑައަޅާފައިވާކަމާއި، ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިދީފައިވާއިރު، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއަކުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އެއްވުމެއްގެ ތެރެއިން، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެފަދަ ގޮތަކަށް ވާހަކަ ދެއްކުމާއި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން އެ މަންޒަރާއި އަޑު ދައްކާފައިވާތީ، ކުޑަކުއްޖަކާމެދު ހިންގާފައިވާ މި ޢަމަލު ކުށްވެރިކުރާ ކަމަށެވެ.
"ކުޑަކުދިންނާމެދު ހިންގާ މިފަދަ ޢަމަލުތަކަކީ އޭގެ ސަބަބުން އެކުދިންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ، ނަފްސާނީ ގޮތުން އެކުދިންނަށް ބޮޑެތި ނޭދެވޭ އަސަރުތައް ތަހައްމަލުކުރުވާ ފަދަ ކަންކަން"، އެ ބަޔާނުގައި ވެއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ވަނީ ކުޑަކުދިންގެ ކަރާމާތާއި މަސްލަހަތަށް އުނިކަން އަތުވެދާނެ މިފަދަ ޢަމަލުތައް ނުކުރުމަށާއި، ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުއާހަދާއިން ކުޑަކުދިންނަށް ލިބިދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ހުރިހާ ފަރާތްތައްވެސް ދެމިތިބުމަށް އިލްތިމާސްކޮށްފައެވެ.
އަދި، ކުޑަކުދިންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަމާއި އަޅާލުން ފޯރުކޮށްދިނުމަކީ މުޅި މުޖުތަމާއު ހިމެނޭހެން ހުރިހާ ފަރާތެއްގެ މައްޗަށް ޤާނޫނުން ލާޒިމްކުރާ ކަމެއް ކަމުގައިވާއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާއާ ޚިލާފަށް އަދި އެ ކުދިންގެ މަސްލަހަތަށް ރިޢާޔަތްކުރުމެއް ނެތި ކުރެވޭ މިފަދަ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ދިވެހި މުޖުތަމަޢަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
"މި ހާދިސާ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށާއި، މިކަން ގާތުން ބަލަމުންދާ ވާހަކަ ދަންނަވަން"، އެ ބަޔާނުގައި ވެއެވެ.
މި ލިޔުން ކިޔާލުމުން