އަމިއްލަ ކުންފުންޏަކުން ޤާނޫނާ ޚިލާފަށް ސިނގިރޭޓް އުފައްދަމުން ދިޔަކަން ހާމަވުމާ ގުޅިގެން، އެ ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ ބާތިލުކޮށް، އަތުލެވުނު ސިނގިރޭޓްތައް ނައްތާލުމަށް ހުއްދަ ދީފިއެވެ. މިކަން ކޮށްފައިވަނީ ހެންވޭރު ހ. ހުޅުގަލި ނަމަކަށް ކިޔާ ގެއެއްގައެވެ.
ފުލުހުންގެ މަޢުލޫމާތު ދެއްވާ ފަރާތުން ބުނެފައިވާ ގޮތުގައި، މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކުރުމަށްފަހު، އެތަނުން 103 ކާޑްބޯޑު ފޮށިގަނޑު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ދުންފަތް ހިމެނޭ ފޮށިތައްވެސް ހުރިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ އެ މަސައްކަތް ކުރި ކުންފުނީގެ ވިޔަފާރި ހުއްދަ ބާތިލުކޮށްފައެވެ. އަދި އަތުލެވުނު ސިނގިރޭޓްތައް ނައްތާލުމުގެ ހުއްދަ ސިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ދީފައެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަކީ މަނާ ކަމެކެވެ. އަދި މިދިޔަ އަހަރު މި ޤާނޫނަށް ގެނެވުނު އިސްލާހުގައި ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް ހެއްދުމާއި، ދުންފަތް އުފެއްދުމާއި އެތެރެކުރުން ވަނީ މަނާކޮށްފައެވެ.
ރާއްޖޭގައި ސިނގިރޭޓް ވިއްކޭނީ ހަމައެކަނި ޚާއްސަ ހުއްދައެއް ނަގައި، ޚާއްސަ ލޭބަލެއް ޖަހައިގެން ކަމަށްވާއިރު، މި ޤާނޫނާ ޚިލާފަށް ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަކީ ކުށެއްކަމުގައި ބެލެވެއެވެ.
މި ލިޔުން ކިޔާލުމުން