މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރިއަށްގެންދާ "މަގޭ ސާފު ރާއްޖެ ޕްރޮގްރާމް" ގެ ދަށުން، 75 ރަށެއްގައި ކުނި އަދި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް އިމާރާތްކުރުމާއި ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީ، އާރުޑީސީ އަދި ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމާއެކު، މިހާރު ޖުމްލަ 109 ރަށެއްގައި ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗަރ ގާއިމްކުރުމާއި އަޕްގްރޭޑްކުރުމުގެ މަސައްކަތް ދައުލަތުގެ ހިއްސާވާ 4 ކުންފުންޏަކާ ވަނީ ހަވާލުކުރެވިފައެވެ. މީގެ ތެރޭގައި ފާއިތުވި ހަފުތާގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ހަވާލުކުރެވުނު 34 ރަށް ހިމެނެއެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި 109 ރަށުގެ އިތުރުން، އެހެން ރަށްތަކުގައި ވަނީ މިނިސްޓްރީން ގަބޫލުކުރާ ފެންވަރުގެ ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ކުރީގެ އަހަރުތަކުގައި ގާއިމްކުރެވިފައެވެ. އަދި ބައެއް ރަށްރަށުގައި ބޭރުގެ އެހީގައި މިނިސްޓްރީން ހިންގާ މަޝްރޫއުތަކުގެ ދަށުން މިހާރުވެސް އެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ، މި އަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ ގޮތަށް ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ޤާއިމުކޮށްދެއްވާނެ ކަމަށެވެ. މިގޮތުން، މި އަހަރުގެ ފަހު ކުއާޓަރގައި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުނި މެނޭޖްކުރުމުގެ އިންފްރާސްޓްރަކްޗަރ ގާއިމްކުރުމުގެ މަސައްކަތް ނިންމުމަށް ވަނީ ރޭވިފައެވެ.
މީގެއިތުރުން، ރަށްރަށުގައި ހަދާ ކުނި މެނޭޖްކުރާ މަރުކަޒުތައް ހިންގުމަށް ބޭނުންވާ އާލާތްތަކާއި، ކުނި އުފުލުމަށް ބޭނުންކުރާ އުޅަނދުފަހަރު، މިހާތަނަށް މިފަދަ ވަސީލަތްތައް ލިބިފައިނުވާ ރަށްތަކަށް މި އަހަރުގެ ތެރޭގައި ފޯރުކޮށްދެވޭނެ ގޮތްވެސް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން