ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރުގެ ރަމަޟާންމަހުގެ ފަހު 15 ދުވަހުގެ ޢުމްރާއަށް ދިޔަ 357 ދިވެހިންގެ ގްރޫޕުން ފުރަތަމަ ޢުމްރާ ފުރިހަމަކޮށްފިއެވެ. ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި ހުރިހާ ޢުމްރާވެރިންގެ ޙާލުވެސް ރަނގަޅުކަމަށެވެ.
ޢުމްރާވެރިންނަށް މެންދުރު 1:30 ހާއިރު ހޮޓަލަށް އާދެވުމާއެކު، އިދާރީ ކަންކަން ފުރިހަމަކުރުމަށްފަހު މެންދުރުފަހު ވަނީ ޢުމްރާގެ އަޅުކަމަށް ޙަރަމަށް ގޮސްފައެވެ. ޢުމްރާގެ އަޅުކަން ވަނީ 8 ގްރޫޕަކަށް ބަހާލައިގެން ފުރިހަމަކޮށްފައެވެ. ޢުމްރާވެރިން މައްކާގައި ތިބެނީ ޙަރަމްފުޅާ 10 މިނެޓުގެ ދުރުމިނުގައި ހުންނަ "އަލްބަލަދް އަލްޠައްޔިބް އަޖްޔަދް ހޮޓެލް" ގައެވެ.
ޙައްޖު ކޯޕަރޭޝަނުން ހިންގާ މި ޢުމްރާ ޕްރޮގްރާމުގެ ދަށުން މުޅި ރަމަޟާންމަހު ޢުމްރާގެ އަޅުކަމުގައި 220 ދިވެހިން ސަޢުދީ ޢަރަބިއްޔާގައި އެބަތިއްބެވެ. ފަހު 15 ދުވަހުގެ ޢުމްރާވެރިންގެ ގްރޫޕް ކުރިއަށް އޮތް ދެ ދުވަސް ހޭދަކުރާނީ މައްކާގައި ކަމަށާއި، މަދީނާއަށް ފުރާނީ 18 ވަނަ ދުވަހު ކަމަށް ވަނީ ހަމަޖެހިފައެވެ.
ޙައްޖު ކޯޕަރޭޝަނުން އިންތިޒާމުކުރާ މި ދަތުރުގައި، މައްކާ އަދި މަދީނާގެ ޚާއްޞަ ޒިޔާރަތްތައް ބަލާލުމުގެ އިތުރުން ދީނީ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން