Friday, November 13
ތިން ރަށެއްގެ ފުޓްބޯޅަ ދަނޑާއި ބެޑްމިންޓަން ކޯޓެއް ނިންމަން އާރުޑީސީއާ ހަވާލުކޮށްފި

ކ. ކާށިދޫ އާއި އދ. ހަންޏާމީދޫ އަދި ބ. މާޅޮހުގެ ފުޓްބޯޅަ ދަނޑާއި، އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ކޯޓު ނިންމަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

މަހެއްހާ ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް މި މަޝްރޫޢުތައް ނިންމުމުގެ މަސައްކަތްވަނީ ފެށިފައެވެ. މިގޮތުން މިއަދު އާރުޑީސީއާއެކު ސޮއިކުރެވުނީ ކ. ކާށިދޫ އާއި އދ. ހަންޏާމީދޫ އަދި ބ. މާޅޮހުގެ ފުޓްބޯޅަ ދަނޑާއި، އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ކޯޓު ނިންމުމުގެ މަސައްކަތެވެ.

މި އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢުއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހެއިރުއެވެ.

މި އެއްބަސްވުމުގެ ދަށުން ކ. ކާށިދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތުގައި ހިމެނޭ ޑްރޭގް ބްރަޝް ހޯދުމުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. މި މަސައްކަތަށް 86،400.00 (އަށްޑިހަ ހަހާސް ހަތަރު ސަތޭކަ) ރުފިޔާ ހޭދަވާނެ ކަމަށް ސްޕޮތްސް މިނިސްޓްރީން މައުލޫމާތުދެއެވެ.

އދ. ހަންޏާމީދޫގެ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތަށް 5.8 މިލިއަން ރުފިޔާ ހޭދަވާނެއެވެ. 90 ދުވަހުގެ ތެރޭގައި ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި، ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އއ. މާޅޮސް ދަނޑަށް 11.9 މިލިއަން ރުފިޔާ ހޭދަވާނެއެވެ. މާޅޮހު ފުޓްބޯޅަ ދަނޑުގެ ތަރައްޤީީކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުން، ލައިންޓިން ސިސްޓަމް ހަރުކުރުން، ވަށާފާރު ރާނައި، ފެންސް ޖެހުމުގެ އިތުރުން ރޮސްޓްރަމްގެ މަސައްކަތް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަސައްކަތް ތިން މަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ހޯލު ގާއިމްކުރުމުގެ މަސައްކަތަށް ފަސް މިލިއަނެއްހާ ރުފިޔާ ހޭދަވާނެއެވެ. މި މަސައްކަތް ފުރިހަމަކުރަން ޖެހޭނީ 180 ދުވަހުގެ ތެރޭގައެވެ.

ކ. ކާށިދޫ އާއި އދ. ހަންޏާމީދޫ އަދި ބ. މާޅޮހުގެ ފުޓްބޯޅަ ދަނޑާއި، އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ކޯޓު ނިންމަން އާރުޑީސީއާ ހަވާލުކުރުމުގެ އިތުރުން، މަސައްކަތް ހުއްޓިފައިހުރި އެހެން ރަށް ރަށުގެ މަޝްރޫއުތައްވެސް މި އަހަރުގެ ދެވަނަ ކުއާޓާގެ ތެރޭގަައި ނިންމުމަކީ ސަރުކާރުގެ އަމާޒެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު