Saturday, October 31
ރައީސްގެ ދަރިކަލުންގެ ފުރާނައަށް ނުރައްކާ ކުރިމަތިވެދާނެ ވާހަކަވެސް އެބަ ފަތުރާ: ވަކީލު

ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ދަރިކަލުންގެ ހަށިކޮޅާއި ފުރާނައަށްވެސް ނުރައްކާވެދާނެ ޒާތުގެ ވާހަކަތައް އެބަ ފަތުރާކަމަށް ވަކީލު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާގެ އާއިލާގެ ފަރާތުން މިއަދު ހ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ ވިދާޅުވީ، އެއްވެސް ޙާލެއްގައި ދަރިންނާއި އާއިލާއަށް އިހުތިރާމު ކުޑަކުރުމަކީ ރައީސް އަދި ރައީސްގެ އާއިލާގެ ފަރާތުންވެސް ތާއީދު ކުރާނެ އަދި ހިތްވަރުދޭނެ ކަމެއް ނޫން ކަމަށެވެ.

އާޒިމާ ވިދާޅުވީ، ރައީސްގެ ދަރިންގެ ފުރާނައާއި ހައްޓަށްވެސް ނުރައްކާވެދާނެ ޒާތުގެ ކަންކަން މިހާރުވެސް ހިނގަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އާޢިލާގެ ފާރާތުން މަންމަ މެޑަމް ސާޖިދާ މުހައްމަދު މިއަދު ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ މިކަންކަން މިހެންކުރަމުންދަނީ އަޅުގަނޑުގެ ފިރިމީހާއާއި ސިޔާސީ ގޮތުން ޚިޔާލުތަފާތު އެކި ފަރާތްތަކުން ކަމުގައި ފާހަގަ ކުރާ ކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާގެ އާޢިލާގެ ފަރާތުން ގާނޫނީ ވަކީލު އައްލއުސްތާޛާ އާޒިމާ ޝަކޫރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ފޮޓޯ- މަލްޝާ

" މިފަދަ ވާހަކަތަކުގެ ތެރޭގައި އަޅުގަނޑުގެ ދަރިފުޅުގެ ތަޢުލީމީ ޙަޔާތަށާއި އިޖްތިމާޢީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތައްވެސް ވަނީ ދައްކައި ފަތުރާފައެވެ. އަދި މިކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަޤްބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭފަދަ ފުރުޞަތުތައް ވަނީ ހުޅުވިގެން ގޮސްފައިކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ" ސާޖިދާ މުހައްމަދު ނެރުއްވި ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ކޮންމެ ކުޑަކުއްޖަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނީ އޮނިގަނޑުތަކުގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ކުއްޖެއްކަން ފާހަގަކޮށްފައެވެ.

ޢުމައިރަކީ ޢުމުރުން  16 އަހަރުގެ ކުޑަކުއްޖެއް ކަމަށާއި އޭނާއަކީ އޭނާގެ މުސްތަޤްބަލު ކުރިމަތީގައި އޮތް، ތަޢުލީމީ ޙަޔާތް އަދި ފުރިހަމަނުވާ ކުއްޖެއްކަން ފާހަގަކޮށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި، އޭނާގެ ބައްޕަ އަދި އަޅުގަނޑުގެ ސިޔާސީ ނިންމުންތަކުގައި އެއްވެސް ބައިވެރިވުމެއް ނެތް އެއްވެސް ބާރުވެރިކަމެއްވެސް ނެތް، މަންމައާއި ބައްޕަގެ ބެލެނިވެރިކަމުގެ ދަށުގައި ހެދިބޮޑުވަމުން އަންނަ ކިޔަވާ ކުއްޖެއްކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އަޅުގަނޑުގެ އެންމެ ދޮށީ ދަރިފުޅާއި، 8 އަހަރުގެ ހަގު ދަރިފުޅަށް ގަނާ (bully) ކުރުމާއި ފުރައްސާރަ (harass) ކުރުމުގެ މަސައްކަތްތަކެއް އިސްވެދެންނެވި ފަރާތްތަކުން މިހާރު ފަށާފައިވާކަމީވެސް ބަލައިގަންނަން އުނދަގޫކަމެއްކަމުގައި ވަނީ ފާހަގަކޮށްފައެވެ.

ރައީސް ގެ އާއިލާގެ ފަރާތުން ޤާނޫނީ ވަކީލު އައްލއުސްތާޛާ އާޒިމާ ޝުކޫރު މިއަދު ވިދާޅުވީ މި މައްސަލައިގައި މަދަނީ ފިޔަވަޅުތައް އަޅުއްވަން ނިންމަވާފައިވާކަމަށެވެ.

އާއިލާގެ ފަރާތުން މަދަނީ މައްސަލަ ހުށަހަޅާނީ މަރިޔަމް ޒުބައިރު، ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ މައްޗަށްކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު