އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުށްވެރިކޮށްފިއެވެ.
އެޗްއާރްސީއެމުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މާރިޗު 7 ވަނަ ދުވަހުން ފެށިގެން އެމްޑީޕީގެ ފަރާތުން މާލޭގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތައް އެ ކޮމިޝަންގެ ފަރާތުން މޮނިޓަރ ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ސުލްހަވެރިކަމާއެކީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ މީހަކަށް ލިބިދެ އަސާސީ ޙައްޤަކަށް ވީހިނދު، އެ ޙައްޤު ޤާނޫނީ އިމުގެ ތެރެއިން ތަނަވަސްކޮށްދިނުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވާ މީޑިއާގެ ފަރާތްތަކުގެ މަސައްކަތަށް ހުރަސް ނޭޅޭނެ ގޮތަށް އެ ފުރުސަތު ދިނުމަށާއި، މުޒާހަރާގައި ބާރުގެ ބޭނުން ކުރަންޖެހޭ ހާލަތުގައިވެސް ޤާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުން ކުރުމަށް އެ ކޮމިޝަނުން ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.
އެޗްއާރްސީއެމުން ބުނީ ސިލްސިލާކޮށް ކުރެވެމުންދާ މި މުޒަހަރާއާ ގުޅިގެން ކޮމިޝަންގެ މޮނިޓަރިންގ އަށް ފާހަގަވެފައިވާ ކަންތައްތަކުގެ ތެރޭގައި ބުދަ ދުވަހުގެ ރޭ ކުރިއަށްދިޔަ މުޒާހަރާގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތަކަށް މުޚާޠަބުކޮށް ވާހަކައްދާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިގޮތަށް ކުޑަކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ވާހަކަދައްކާފައިވުމަކީ ޚިޔާލު ފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް އެ ކޮމިޝަނުން ވަނީ ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލައިފައެވެ.
"ކުޑަކުދިންނަކީ ޚާއްޞަ ރައްކާތެރިކަމެއް ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާއި، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާއިން ލިބިދީފައިވާ ބަޔަކަށް ވީހިނދު، އެކުދިންގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ސީދާ ގޮތުންވެސް އަދި ނުސީދާ ގޮތަކުންވެސް އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށް މި ކޮމިޝަނުން ގޮވާލަން"، އެޗްއާރްސީއެމްގެ ބަޔާނުގައިވެއެވެ.
އެޗްއާރްސީއެމުން ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރުމުގައި އެކަކު އަނެކާގެ ޙައްޤުތަކަށް އުނިކަން ނުލިބޭނެ ފަދަ ގޮތަކަށް ޒިންމާދާރުކަމާއެކު މި ޙައްޤުތައް ބޭނުންކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، އެމްޑީޕީގެ މުޒާހަރާގައި އެއްވުމުގެ ބައިވެރިންނާއި ފުލުހުންނާ ކުރިމަތިލާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މި ކުރިމަތިލުންތަކުގައި މުޒާހަރާގެ ބައިވެރިންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
"މި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކުން އަޑުގަދަކުރާ ބޭނުންކޮށް، މާލެ މަގުތަކާއި ގްރީން ޒޯން ހިމެނޭ ސަރަހައްދުތަކަށް ވަންނަން މަސައްކަތް ކޮށްފައިވަކަމާއި، މި ދެންނެވުނު ސަރަހައްދުތަކަށް ވަނުމަށް ސަލާމަތީ ބާރުތަކުން ހުއްޓުވާފައިވާކަން ފާހަގަކުރެވިފައިވޭ"، ބަޔާނުގައި ވެއެވެ.
އެ ކޮމިޝަނުން ވަނީ މުޒާހަރާ ކުރުމުގައި އާންމުންނަށާއި ޓްރެފިކަށް ދަތިނުވާނޭ ގޮތެއްގެ މަތިން މުޒާހަރާތައް އިންތިޒާމު ކުރުމަށް ގޮވާލައިފައެވެ. އަދި މުޒާހަރާ ކުރުމުގައި ސުލްހަވެރިކަން އިސްކޮށް، މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތި ނުވާނޭ ގޮތަށް އަމަލުކުރުމަށާއި، މުޒާހަރާގައި ހަރަކާތްތެރިވާ މީޑިއާގެ ފަރާތްތަކުން މުޒާހަރާތައް ކަވަރު ކުރުމުގައި ޢަމަލުކުރަންޖެހޭ މިންގަޑުތައް ހިފެހެއްޓުމަށާއި، ސުލްހަވެރިކޮށް ބޭއްވޭ އެއްވުންތައް ބޭއްވުމަށް ފުރުޞަތު ދީ، އެއްވުންތައް ރޫޅާލަންޖެހޭ ހާލަތްތަކުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ޤާނޫނީ އިމުގެ ތެރެއިން އެއްވުންތައް ރޫޅާލުމަށް އެ ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.
އެޗްއާރްސީއެމްގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ ޤާނޫނުއަސާސީން އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ރައްޔިތުންނަށް ލިބިދީފައިވާއިރު، ޙައްޤުގެ ބެނުން ކުރުމުގައި އެއް ބަޔަކު އަނެއް ބައެއްގެ ޙައްޤަށް އަރައި ނުގަނެ، އެކަކު އަނެކާގެ ކަރާމާތާއި އަބުރަށް އަރައިނުގަނެ މި ޙައްޤުތައް ބޭނުންކުރުމާއި، އެކަކު އަނެކާގެ ޙައްޤުތަކަށް އިޙްތިރާމްކުރުމަކީ މުޖުތަމަޢުގެ ހަމަޖެހުމަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.
މި ލިޔުން ކިޔާލުމުން