އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުށްވެރިކޮށްފިއެވެ.
އީސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ސިޔާސީ ޕާޓީގެ ޤާނޫނުން ޕާޓީތަކަށް ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައިވަނީ ޤާނޫނުއަސާސީއާއި ސީޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށް، ސިޔާސީ ޕާޓީތަކަށް ހަނދާންކޮށްދީފައެވެ.
މިގޮތުން، އެމްޑީޕީން މާލޭގައި މި ދުވަސްވަރު ހިންގަމުން ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގުމުގައިވެސް ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޢަމަލުކުރުމަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.
ޚާއްޞަކޮށް ސިޔާސީ ޙަރަކާތްތައް ރާވާ ހިންގުމުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުޑަކުދިންގެ ޙައްޤުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަ ދެއްކުމާއި އެކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާފަދަ ވާހަކަތައް ދެއްކުން އީސީން ވަނީ ކުށްވެރިކޮށްފައެވެ.
މީގެ އިތުރުން، ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އެންމެހާ ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދާއިރު ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ޚިލާފަށް، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިއުމާއި، ޙަޤީޤަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށް އީސީން ވަނީ ނަސޭހަތްތެރިވެފައެވެ.
"އަދި ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް މި ކޮމިޝަނުން އަބަދުވެސް މަރުޙަބާ ކިޔާނަން"، އީސީގެ ބަޔާނުގައި ވެއެވެ.
މި ލިޔުން ކިޔާލުމުން