އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 500،000 އިން މައްޗަށް އަރައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް މި އަހަރު ރާއްޖެ އައިސްފައިވަނީ 506،053 ފަތުރުވެރިންނެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %4.6 ގެ ކުރިއެރުމެކެވެ. މި އަހަރު އެވުރެޖުކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވަނީ 7،241 ފަތުރުވެރިންނެވެ.
މީގެ އިތުރުން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރިސޯޓުތަކުގައި 349،599 ފަތުރުވެރިން ތިބިއިރު، ގެސްޓްހައުސްތަކުގައި 129،367 ފަތުރުވެރިން އަދި ހޮޓަލްތަކުގައި 14،455 ފަތުރުވެރިން ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ. ފަތުރުވެރި އުޅަނދުތަކުގައި މިވަގުތު ތިބީ 12،329 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. މިގޮތުން މިހާތަނަށް 63،805 ފަތުރުވެރިން އެ ޤައުމުން އައިސްފައިވާއިރު، ލިސްޓުގެ ދެވަނައިގައި އޮތް އިނގިރޭސިވިލާތުން އައިސްފައިވަނީ 51،466 ފަތުރުވެރިންނެވެ. އަދި ތިންވަނައިގައި އޮތް ރަޝިއާއިން 51،439 ފަތުރުވެރިން އައިސްފައިވެއެވެ.
މީގެ އިތުރުން މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިޓަލީ، ޖަރުމަނުވިލާތް، އިންޑިއާ، ފްރާންސް، އެމެރިކާ، ޕޮލޭންޑް އަދި ސްވިޓްޒަލަންޑެވެ.
މި ލިޔުން ކިޔާލުމުން