ސިވިލް ސާވިސް ކޮމިޝަނުން ޖަމާއަތްތެރިންނަށް ދެމުންއައި "ގަބުރުސްތާން އެލަވަންސް" އިން އުނިކުރި ބައި، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ ޖަމާއަތްތެރިންނަށް ދިނުމަށް ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ ޖަމާއަތްތެރިންނަށް އަލުން މި އިނާޔަތް ދިނުމަށް ނިންމީ، ބުދަ ދުވަހު އޮތް ކައުންސިލްގެ 4 ވަނަ ދައުރުގެ 187 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
ޖަލްސާއަށް މިކަން ހުށަހަޅައިދެއްވައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ޖަމާޢަތްތެރިންނަކީ މުހިންމު އަދި މާތް މަސައްކަތް ތަކެއްކުރާ ބައެއް ކަމަށާއި ކުއްލިއަކަށް ވަކި ސަބަބެއް ބަޔާން ކުރެއްވުމެއް ނެތި، ޖަމާއަތްތެރިންގެ އެލަވަންސް ކާޑާލުމަކީ އެއް ވެސް އިންސާފުވެރިކަމެއް ނެތި ކުރައްވާފައިވާ ކަމެއް ކަމަށެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ޖަމާޢަތްތެރިންގެ މުސާރައިން އުނިކުރި 1500 ރުފިޔާ ދެމުން ދެން ދާނީ ކައުންސިލްގެ ބަޖެޓުން ކަމަށާއި، މިކަން ކުރުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ.
މީގެ އިތުރުން ޖަލްސާގައި ވާހަކަދައްކަވަމުން ގަލޮޅު އުދުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ، ބަރަކާތްތެރި ރަމަޟާން މަހެއްގައި ވަކި ސަބަބެއް ބަޔާން ނުކުރައްވައި ޖަމާއަތްތެރިންގެ އެލަވަންސް ކަނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިގޮތަށް އެލަވަންސް ކަނޑާ ކަމަށް ވާނަމަ ޖަމާޢަތްތެރިން ނޫނަސް، ސިވިލް ސަރވިސްގެ އެހެން މުވައްޒަފުންގެ އެލަވަންސް ވެސް ކަނޑާލަފާނެކަމުގެ ބިރު އޮތް ކަމަށެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ހުރިހާ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، އެ އިނާޔަތް ދިނުމުގައި މާލިއްޔަތު ގަވާޢިދާ ފުށުނާރާ ގޮތަށް، ކައުންސިލްގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް ކައުންސިލުން ކަނޑައަޅާ ގޮތަށް ޢަމަލު ކުރުމަށް އެދޭ ކަމަށެވެ.
ނަމަވެސް އެ އިނާޔަތް ސިވިލް ސަރވިސް ކޮމިޝަނުން އުވައިލި ސަބަބެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކިޔާލުމުން