Friday, November 13
އަތޮޅު ލޯންޗްތަކުން ހެންވޭރު ޓާރމިނަލް ބޭނުންކުރަން ފަށައިފި

އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ލޯންޗުތަކަށް ހެންވޭރު ފެރީ ޓަރމިނަލް މިއަދުން ފެށިގެން ބޭނުންކުރަން ފަށައިފިއެވެ.

އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް ހެންވޭރު ފެރީ ޓަރމިނަލް އަދި ހުޅުމާލެ ފެރީ ޓަރމިނަލްގެ ބަނދަރު، ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކަށް ހުޅުވާލުމަށް ނިންމީ މިދިޔަ ހަފްތާގައެވެ.

އެ ފުރުޞަތުގައި ފެރީ ޓަރމިނަލް ބޭނުން ކުރުމަށް ޝައުޤުވެރިކަން 7 ފަރާތަކުން ފާޅުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އދ. ކ. އަދި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކެވެ.

ލޯންޗުތަކަށް ރަސްމީކޮށް ޓާމިނަލް ހުޅުވާލަން މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، މީގެ ކުރީން ރާއްޖެތެރެއަށް ދަތުރުކުރާ މީހުން ލޯންޗުތަކަށް އަރައިފޭބުން އޮތީ ވަރަށް ދަތި ގޮތަކަށް ނަމަވެސް ލޯންޗްތަކަށް ހެންވޭރު ފެރީ ޓަރމިނަލުން ޚިދުމަތް ފޯރުކޮށްދޭން ފެށުމާ ގުޅިގެން އަތޮޅުތަކުގެ ލޯންޗްތަކުގެ ޝެޑިއުލްއާއި އެކު އެތަނުން ފަސޭހައިން ޚިދުމަތް ލިބޭނެކަމަށެވެ.

ސަޢުދީ ވިދާޅުވީ މިހާތަނަށް ހެންވޭރު ޓަރމިނަލް ބޭނުންކުރުމަށް އެކި ފަރާތްތައް އެދުނުނަމަވެސް ހުޅުމާލޭ ފެރިޓަރމިނަލަށް ދަތުރުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިނުވާކަމަށެވެ.

އެމްޓީސީސީން ވިދާޅުވީ، މިހާރު ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު ޚިދުމަތް ފެށުމުން ދުވާލަކު 15 ލޯންޗް ފެރީއަށް ޓަރމިނަލުން ޚިދުމަތް ދެވޭނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ. އެއީ ގާތްގަނޑަކަށް 2000 ފަސިންޖަރުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު