Monday, November 2
ޚިދުމަތް ޖަމިއްޔާގެ ފަރާތުން އުކުޅަހު ފުރުޤާން މިސްކިތް މަރާމާތުކޮށްފި

އއ. އުކުޅަހުގައި ހުންނަ މަސްޖިދުލް ފުރުޤާނުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި، މިސްކިތުގެ ގޯތިތެރޭގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ މަރާމާތުގެ މަސައްކަތަށް ޚިދުމަތް ޖަމިއްޔާއިން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮންމެ ރަމަޟާން މަހަކުވެސް މިސްކިތްތަކުގައި ނަމާދުކުރާ މީހުންގެ އަދަދު އިތުރުވެ، ޖާގައިގެ ދަތިކަން ކުރިމަތިވަމުންދާތީ، މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އއ. އުކުޅަހު ކައުންސިލުން މިދިޔަ ޖެނުއަރީ މަހު ޚިދުމަތް ޖަމިއްޔާގެ އެހީތެރިކަމަށް އެދުނެވެ. އެގޮތުން، އއ. އުކުޅަހުގެ އުކުޅަސް ހޯޕް އަދި ޚިދުމަތް ޖަމިއްޔާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ފަންޑެއް ހުޅުވައި، ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތަށް ބޭނުންވާ ފައިސާ ހޯދައި ކައުންސިލާ ހަވާލުކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 137,521.20 ރުފިޔާ ވަނީ ކައުންސިލާ ހަވާލުކުރެވިފައެވެ. މި ފައިސާ ހޯދުމަށް އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ޚިދުމަތް ޖަމިއްޔާއިން ޝުކުރު ދަންނަވައި، މި ދެމިގެންވާ ޞަދަޤާތުގެ ދަރުމަ ލިބުމަށް އެދި ދުޢާ ދަންނަވާފައިވެއެވެ.

ޚިދުމަތް ޖަމިއްޔާގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މިހާރުވެސް އެ ޖަމިއްޔާއިން ދަނީ ރާއްޖޭގެ 6 މިސްކިތެއްގައި ސޯލާ ހަރުކުރުމުގެ މަޝްރޫޢުގެ އިތުރުން ރާއްޖެއިން ބޭރުގައި މިސްކިތެއް ބިނާކުރުމުގެ މަޝްރޫޢެއްގައި މަސައްކަތްކުރަމުންނެވެ. އަދި މިދިޔަ އަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތުކުރުމުގެ އެކިއެކި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަމަށް ޖަމިއްޔާއިން ބުނެފައިވެއެވެ.

މިސްކިތްތައް އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް އެހީތެރިވެދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އަބަދުވެސް ހުޅުވާލެވިފައިވާކަމަށް ޚިދުމަތް ޖަމިއްޔާއިން ބުނެފައިވެއެވެ. އަދި މިފަދަ މަސައްކަތްތަކަށް އެހީތެރިވުމަކީ ދެމިގެންދާނެ ހެޔޮ ޞަދަޤާތަކަށްވާނެ ކަމަށްވެސް ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

މިސްކިތްތައް އިމާރާތްކުރުމަށާއި، މިސްކިތްތައް މަރާމާތުކުރުމާއި އަދިވެސް މިސްކިތްތަކަށް ބޭނުންވާ އެހެނިހެން ޚަރަދުތައް ކުރުމަށް އެހީތެރިވެ ދިނުމުގެ ފުރުޞަތު އަބަދުވެސް ވަނީ ހުޅުވާލެވިފައެވެ.

އެހީތެރިވެދެއްވުމަށް
ޚިދުމަތް - 7770000141496

ނޯޓް : މި ފަންޑަށް ލިބޭ ފައިސާ ޚަރަދު ކުރެވިގެންދާނީ މިސްކިތް އިމާރާތް ކުރުމަށާއި މަރާމާތު ކުރުމާއި މިސްކިތުގެ އެކި ބޭނުންތަކަށެވެ. ޚިދުމަތް ޖަމިއްޔާގެ ފަރާތުން މިސްކިތް ފަންޑުން އިދާރީ ހިންގުމަށް އެއްވެސް ޚަރަދެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ..

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު