ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅުގެ ދަށުން މި އަހަރުގެ ރަމަޟާން މަހު ސަރުކާރުން ދޭ ރޯދަ ހަދިޔާ ރާއްޖޭގެ 110،127 ގޭބިސީއަކަށް ފޯރުކޮށްދެވިއްޖެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިގޮތުން ވަޒީރު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި ހޯމަ ދުވަހުގެ ރޭގެ ނިޔަލަށް މާލޭގެ ގޭބިސީތަކަށް 49،416 އަދި ރަށްރަށުގެ 60،711 ގޭބިސީތަކަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާ ކަމަށެވެ. މިއާއެކު މިހާތަނަށް މުޅި ޖުމުލަ 110،127 ގޭބިސީއަކަށް ސަރުކާރުން ވަނީ ރޯދަ ހަދިޔާ ދީފައެވެ.
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި ރޭގެ ނިޔަލަށް މާލޭގެ ގޭބިސީތަކަށް 49416 އަދި ރަށްރަށުގެ 60711 ގޭބިސީތަކަށް، މުޅި ޖުމުލަ 110127 ރޯދަ ހަދިޔާ ދެވިފައިވޭ.
— Adam Shareef Umar (@Adamshareefz) March 11, 2025
އެ ވުޒާރާއިން ބުނީ މާލެ ސަރަހައްދުގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ކުރިއަށް ގެންދެވިފައި އެ ވުޒާރާގެ ބެލުމުގެ ދަށުން ކަމުގައިވިޔަސް، މި ހަރަކާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައި ވަނީ ސަރުކާރުގެ ކުންފުނިތަކާއި، ސިފައިންނާއި އަދި ފުލުހުންގެ ޚާއްޞަ އެހީތެރިކަމާ އެކުގައި ކަމަށެވެ. އަތޮޅުތެރޭގައި ރޯދަ ހަދިޔާ ބެހުމުގައި ޙަރަކާތްތެރިވީ ރަށްރަށުގެ ކައުންސިލްތަކުންނެވެ.
މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދަނީ ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްކޭހެއް ދޫކުރަމުންނެވެ. މީގެ އިތުރުން ރަމަޟާން މަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށްވެސް ރައީސް ވަނީ ނިންމަވައިފައެވެ.
މި ލިޔުން ކިޔާލުމުން