ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވާ ގޮތުން ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މާރިޗު 19 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.
ސީއެސްސީ އަށް މެންބަރަކު ހޯދަން އިޢުލާންކޮށްފައި މިވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވަނިކޮށް، އޭނާ އެ މަޤާމުން އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ސީއެސްސީގެ މެންބަރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުމާއި، މުސްލިމަކު ކަމުގައިވުމާއި، ބުއްދި ސަލާމަތުން ހުރުމާއި، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން، އަދި ޖިނާއީ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، އެއްވެސް އެހެން ވަޒީފައެއް އަދާކުރާ މީހަކު ކަމުގައި ނުވުމުގެ އިތުރުން ފުރަތަމަ ޑިގްރީއެއް ހާސިލުކުރުމަށްފަހު، ހިންގުމުގެ ދާއިރާއިން މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.
ރައީސް އޮފީހުން ބުނީ ސީއެސްސީގެ މެންބަރުކަމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 19 މާރިޗު 2025 ވާ ބުދަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 13:00 އަށް ކަމަށެވެ.
މި ލިޔުން ކިޔާލުމުން