އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކުރުމަށްޓަކައި، ހެންވޭރު އަދި ހުޅުމާލެ ފެރީ ޓަރމިނަލުން ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް 7 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް، ހެންވޭރު ފެރީ ޓަރމިނަލް އަދި ހުޅުމާލެ ފެރީ ޓަރމިނަލްގެ ބަނދަރު، ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މި ފުރުޞަތުގައި ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އދ. އަތޮޅު، ކ. އަތޮޅު އަދި ބ. އަތޮޅުގެ ރަށްތަކުން ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންނެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޚިދުމަތް ފެށުމުން ދުވާލަކު 15 ލޯންޗް ފެރީއަށް ޓަރމިނަލުން ޚިދުމަތް ދެވޭނެކަމަށް އަންދާޒާ ކުރެވެއެވެ. މިއީ ގާތްގަނޑަކަށް 2000 ފަސިންޖަރުންނެވެ. ހެންވޭރު ޓަރމިނަލުން އެއްފަހަރާ 5 ލޯންޗަށް އަދި ހުޅުމާލޭ ފެރީ ޓަރމިނަލުން އެއްފަހަރާ 3 ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ ހަމަޖައްސާނެއެވެ.
އެމްޓީސީސީން އިތުރަށް ހާމަކުރެއްވި ގޮތުގައި، ކޮންމެ އުޅަނދަކަށްވެސް ޖެޓީއަށް ލަފާ ހިސާބުން ފެށިގެން ފުރުމާއި ދެމެދު 30 މިނެޓުގެ ވަގުތެއް ލިބޭނެއެވެ. އަދި ދަތުރުވެރީންނަށް މަޑުކޮށްލުމަށް ޚާއްސަ ސަރަހައްދެއް ޓަރމިނަލް ތެރޭ އިންތިޒާމުކުރެވޭނެއެވެ. މީގެ އިތުރުން، ދަތުރުވެރީންގެ ފަސޭހައަށްޓަކައި ޓަރމިނަލްގެ ފާޚާނާ ޚިދުމަތް އަދި ބޯފެން ލިބުމުގެ އިންތިޒާމްވެސް ހަމަޖައްސާނެކަމަށް އެ ކުންފުނިން ވަނީ ބުނެފަައެވެ.
އެމްޓީސީސީން ބުނީ ޓަރމިނަލްގެ ޚިދުމަތް ބޭނުން ކުރާ ފަރާތްތަކާއި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ ޚިޔާލާއި މަޝްވަރާއަށް ބަލައި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރާނެކަމަށެވެ.
މި ލިޔުން ކިޔާލުމުން