މާލެ މަގުތަކުގައި އުޅޭ ބުޅާތައް ރިހެބިލިޓޭޓް ކުރުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި ޚާއްޞަ ޒޯންތަކެއް ގާއިމްކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ސަފްވާން އިބްރާހިމް، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން "އޮޅުހިޔާ" ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށްފައިވީ ނަމަވެސް، ސްޓޭޓް މިނިސްޓަރ ސަފްވާން ފާހަގަކުރެއްވި ގޮތުގައި އެ ފެސިލިޓީ ހަވާލުކުރިއިރު ބުޅާތައް ވަކިން ބަހައްޓާނެ ޖާގައާއި ކެޓް ހައުސްތައް ފަދަ ގިނަ ކަންކަން ހުރީ ފުރިހަމަނުވެއެވެ.
މަގުމަތިން ބުޅާތައް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، 15 ބުޅަލުގެ ފުރަތަމަ ބެޗް މިހާރުވެސް ކެޓް ޝެލްޓަރއަށް ގެންގޮސްފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފެސިލިޓީގެ ޚިދުމަތްތައް ފުރިހަމައަށް ނެތްނަމަވެސް، މިހާރު ދެވެންހުރި ޚިދުމަތްތަކާއެކު ކެޓް ޝެލްޓަރ ހިންގަން ފަށާފައިވާކަމަށް އޭނާ ހާމަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ޕްލޭނަކީ ބުޅާތައް މިތަނުގައިވާ މުއްދަތުގެ ތެރޭގައި ޕޮޓީ ޓްރެއިނިންއާއި ވެކްސިނޭޓްކޮށްފައި މާލޭގައި ޒޯންތަކެއް ކަނޑައެޅުން،" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. މި ޒޯންތައް ގާއިމްކުރާނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރުގައި، މިހާރުވެސް ބުޅާތައް އުޅޭ ސަރަހައްދުތަކުގައި ކަމަށާއި، އެތަންތަނުގައި ލިޓަރތައް ބަހައްޓައި، ކެޓް ފުޑް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުސްތަގުބަލުގައި މި ޒޯންތަކުގައި ބުޅާތަކަށް ފެންވަރުވާނެ މެކޭނިޒަމްއެއްވެސް ގާއިމްކުރުމަށް ރޭވިފައިވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން 5000 އަކަފޫޓުގެ ބިމެއްގައި ގާއިމުކޮށްފައިވ އޮޅުހިޔާ ނުވަތަ ބުޅާތައް ބަލަހައްޓާ ފެސިލިޓީ އަކީ އަހަރުތަކެއް ވަންދެން ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެފައިވާ ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޤާއިމްކުރި ފެސިލިޓީއެކެވެ. މިއީ މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެކެވެ.
މި ލިޔުން ކިޔާލުމުން