ރާއްޖެއިން އިތުރު ދެ ޤައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން ޢައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ ނަންތަކަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ރުހުންދީފިއެވެ.
މި މަޤާމުތައް ޢައްޔަންކުރައްވަން ރައީސް ފޮނުއްވި ނަންތައް ވަނީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިއްވަވައިފައެވެ. އެއަށްފަހު މި ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.
މިގޮތުން، ރައީސް ވަނީ ސްޕެއިނަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އާދަމްގެ ނަން އަދި ނިއުޒިލެންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް މިހާރު ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުޙައްމަދު ލުވޭޒުގެ ނަން ހުށަހަޅުއްވައިފައެވެ.
މި ދެ ބޭފުޅުންނަކީވެސް މިހާރުވެސް ސަފީރުކަމުގައި ތިއްބެވި ބޭފުޅުންނަށްވާތީ، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމީ އެ ބޭފުޅުންގެ އިތުރު އިންޓަވިއުއެއް ނުވަތަ ރެކޯޑު ސާފުކުރުމެއް ނެތި މައްސަލަ ކުރިއަށްގެންދިއުމަށެވެ.
މި ލިޔުން ކިޔާލުމުން