މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މިގޮތުން މެޓް އޮފީހުން ވަނީ މިއަދު 06:30 އިން 11:30 އަށް ހއ. އަތޮޅާއި އއ. އަތޮޅާ ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މެޓް އޮފީހުން މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، އެކިހިިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
މީގެ އިތުރުން އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 3-6 ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުން އިއްޔެ ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެކަމަށް ލަފާކުރެވޭތީ، މާރިޗު 11 އަދި 12 ވަނަ ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުން އެކަށީގެންވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން