މަދަހަ މުބާރާތުގެ ފައިނަލް މިރޭ: ގެސްޓް ޖަޖަކަށް ޝަލަބީމޮޅަދޫ ކައުންސިލުން އިސްނަގައިގެން ބާއްވާ "ނޫރު މަދަހަ މުބާރާތު"ގެ ދެވަނަ ސީޒަނުގެ ފައިނަލް ރައުންޑް މިރޭ ބޭއްވުމަށް ނިންމައިފިއެވެ. މި މުބާރާތުގެ ގެސްޓް ޖަޖަކަށް ބައިވެރިވާނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމެވެ.
މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާދު، ސަބަބުއޮންލައިނަށް ވިދާޅުވި ގޮތުގައި، މި މުބާރާތުގެ ފައިނަލް ރައުންޑް ފަށާނީ މިރޭ 21:30 ގައި މޮޅަދޫ ސްކޫލްގައެވެ. މުބާރާތް ފެށިފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. ފައިނަލް ރައުންޑްގައި 12 ބައިވެރިން މަދަހަ ހުށަހަޅައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިއަހަރުގެ މަދަހަ މުބާރާތަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވޭ. ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވާ ޝަލަބީ މިހާރު ވަނީ މޮޅަދޫއަށް ވަޑައިގެންފަ،" ސިނާދު ވިދާޅުވިއެވެ.
މި މުބާރާތް އިންތިޒާމްކޮށްފައިވަނީ މޮޅަދޫ ކައުންސިލާއި، މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މޮޅަދޫ ސްކޫލް ގުޅިގެންނެވެ. މުބާރާތުގެ ފައިނަލް ރައުންޑް މޮޅަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވްކުރާނެއެވެ.
މުބާރާތުގައި އެއްވަނަ ހޯދާ ބައިވެރިޔާއަށް 5000 ރުފިޔާ، ދެވަނަ ބައިވެރިޔާއަށް 2500 ރުފިޔާ އަދި ތިންވަނަ ބައިވެރިޔާއަށް 1500 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެއެވެ. މިއަހަރުގެ މުބާރާތް ފެށުނުއިރު 56 ބައިވެރިން ބައިވެރިވެފައިވެއެވެ.
މުބާރާތުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ކަނޑައަޅާނީ، ކޮންމެ އުމުރުފުރައަކުން ވެސް އެންމެ މޮޅު 3 ބައިވެރިން ފައިނަލް ބުރުގައި ވާދަކޮށް އެންމެ މަތިން މާކްސް ހޯދާ 3 ބައިވެރިންގެ ތެރެއިންނެވެ.
ނޫރު މަދަހަ މުބާރާތުގެ ފުރަތަމަ ސީޒަން ބާއްވާފައިވަނީ މިދިޔަ ރަމަޟާން މަހުއެވެ. އެ މުބާރާތުން އެއްވަނަ ހޯދީ މޮޅަދޫ ބަގީޗާގެ ހަސަން ޝިޔާމްއެވެ.
މި ލިޔުން ކިޔާލުމުން