ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅުވެ، ފެބްރުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި 832.1 މިލިއަން ޑޮލަރަށް އަރައިފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ( އެމްއެމްއޭ ) ގެ ތަފާސް ހިދާބުތަކުން ދައްކައިފިއެވެ.
ފެބުރުއަރީ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅުވެ ޖުމްލަ ރިޒާވް 981 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. އަދި ބޭނުންކުރެވޭ ރިޒާވް 179 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ފެބްރުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި 832.1 މިލިއަން ޑޮލަރު ހުއްޓެވެ. އެއީ ޖަނަވަރީ މަހުގެ ނިޔަލަށް ހުރި 708.1 މިލިއަން ޑޮލަރަށްވުރެ 17.5 އިންސައްތަ އިތުރު އަދަދެކެވެ.
ރަސްމީ ރިޒާވް އެސެޓުތަކުގެ އިތުރަށް ބޭރު ފައިސާގެ އެހެނިހެން އެސެޓުގެ ގޮތުގައި ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި އެމްއެމްއޭގެ ހިޔާޒަތު (ކޮންޓްރޯލް) ހިނގާ އެސެޓުތަކުގެ ގޮތުގައި 149.6 މިލިއަން ޑޮލަރު ހުރިކަން ހިސާބުތަކުން ދައްކައެވެ. މިއީ ޖުމްލަ ރިޒާވް ހިސާބުކުރުމުގައި ރަސްމީ ރިޒާވް އެސެޓާއެކު ގުނާ އެސެޓުތަކެވެ.
އެހެންކަމުން މި ހިސާބުތަކަށް ބަލާއިރު ޖުމްލަ ރިޒާވްގެ ގޮތުގއި 981.7 މިލިއަން ޑޮލަރު ފެބްރުއަރީގެ ނިޔަލަށް ރެކޯޑުކުރެވިފައިވެއެވެ.
ރިޒާވްގެ ހާލަތު ރަނގަޅުވާން ފަށާފައިވަނީ މަރުކަޒީ ބޭންކު އެމްއެމްއޭއާއި އިންޑިޔާގެ ރިޒާވް ބޭންކާއެކު ހެދި އެއްބަސްވުމެއްގެ ދަށުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދުމާ ގުޅިގެންނެވެ.
މީގެ އިތުރުން ޓޫރިސްޓު ވިޔަފާރިތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށުމާއި ގުޅިގެން، ވެސް ދައުލަތުގެ ރިޒާވް ވަނީ ތިޔާގިވާން ފަށާފައެވެ.
މި ލިޔުން ކިޔާލުމުން