Saturday, October 31
ސުޕްރީމް ކޯޓުން މެންބަރު ސިނާންގެ ގޮޑީގެ މައްސަލަ ބަލައިގެންފި

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މަޖިލިސް ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފިއެވެ.

ސިނާނުގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ކޯޓަށް ހުށަހެޅީ އޭނާގެ މައްޗަށް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ދައްކަން ޖެހި، ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމެއް އޮތް ކަމަށް ބުނެއެވެ.

މިދިޔަ އޮކްޓޯބަރު މަހު ކޯޓުން ކުރި ހުކުމުގައި ވަނީ، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދެއް ދައްކަންޖެހޭނެ ކަމަށެވެ. ނަމަވެސް ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ، އޭނާގެ މަޖިލިސް ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ގާލިބު ސަލީމެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިގަތްކަމުގެ ލިޔުން ވަނީ މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލު، ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިނަށް ފޮނުވާފައެވެ. ގާލިބު ހުށަހެޅި މައްސަލައިގައި ވަނީ ހިތަދޫ ކޯޓުން ހުކުމްކޮށްފައިވާ ގޮތަށް ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏަށް ފައިސާ ދައްކަމުން ނުދާ ކަމަށެވެ.

ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ އެއްވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުން، މަޖިލިސް މެންބަރެއްގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، އެ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާނަމަ، އެ މެންބަރަކު މަޖިލިސް މެންބަރުކަމުން ވަކިވާނެއެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ގޮތަކުން ސިނާންގެ މަޖިލިސް މެންބަރުކަން ދެމިއޮތުމަށް ނުވަތަ ގެއްލުމަށް މަގުފަހިވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު